21 Nov 2016, 10:54
އިޓާލިއަން ސެރީއާގައި ފަހު ވަގުތު އިންޓަ މިލާނުން އަވަށްޓެރި ވާދަވެރިން ކަމަށްވާ އޭސީ މިލާން ހިފަހައްޓައިފި އެވެ.
ސެން ސީރޯގައި އިއްޔެ ކުޅުނު އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ ނަތީޖާއާ އެކު 26 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައި އޭސީ މިލާން އޮތް އިރު، ދެ ވަނައިގައި އޮތް ރޯމާއަށް ވެސް ލިބިފައި ވަނީ 26 ޕޮއިންޓެވެ. ރޯމާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އެއް ވަނައިގައި އޮތް ޔުވެންޓަސް އަށް 33 ޕޮއިންޓް ލިބިފައިވާ އިރު، އިންޓަ އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައިގައެވެ.

މިލާންގެ ސޯސާ ކާމިޔާބުކުރި ދެ ވަނަ ލަނޑަށްފަހު، އޭނާ އުފާފާޅުކުރަނީ: އިޓާލިއަން ސެރީއާގައި މިލާނާއި އިންޓަ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ
އިއްޔެ ކުޅުނު އެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އިންޓަގެ އިވާން ޕެރިސިޗް އަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެރިސިޗް އުފެއްދި ފުރަތަމަ ހަމަލާ، މިލާންގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުމާ މަތަކުރި އިރު، އޭނާގެ ދެ ވަނަ ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، މިލާނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޖިއަކޯމޯ ބޮނަވެންޗޫރާ ދިން ބޯޅައަކުން މިލާނަށް ލީޑު ހޯދައިދިނީ އެ ޓީމުގެ ސްޕެއިން ފޯވަޑް ސޫސޯ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން މިލާން ކުރީގައި އޮވެގެންނެވެ.

އިޓާލިއަން ސެރީއާގައި މިލާނާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ
ދެ ވަނަ ހާފުގެ ކުޅުން ފެށިތާ އަށް މިނެޓް ފަހުން އިންޓަ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އިވާން ޕެރިސިޗް ދިން ބޯޅައަކުން އިންޓަ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިޓަލީ މިޑްފީލްޑަރު އެންޓޯނިއޯ ކަންޑްރޭވާ އެވެ. އޭނާ އުފެއްދި ހަމަލާ އަމާޒުވެފައި ވަނީ މިލާން ގޯލުގެ މަތީ ކަނަށެވެ.
އިންޓަ އިން ނަތީޖާ ހަމަހަމަކުރިތާ ފަސް މިނެޓް ފަހުން މިލާނުން ވަނީ ދެ ވަނަ ފަހަރަށް ލީޑު ހޯދައިފައެވެ. މެޗުގެ 58 ވަނަ މިނެޓުގައި ކާލޮސް ބައްކާ ދިން ބޯޅައަކުން މިލާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ސޫސޯ އެވެ.

އިޓާލިއަން ސެރީއާގައި މިލާނާއި އިންޓަ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ
އިންޓަ އިން ދެ ވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައި ވަނީ ދެ ވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނެޓްގެ ތެރޭގައެވެ. ޖިއޮފްރޭ ކޮންޑޮގްބިއާ ނަގައިދިން ކޯނަރަކުން އިންޓަ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު ޕެރިސިޗް އެވެ.