ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓަކު، ޕްރައިމަރީ އިންތިހާބުން ބަލިވުމުން އެ ކެންޑިޑޭޓަކު އެހެން ޕާޓީއެއްގެ ޓިކެޓްގައި އަދި އަމިއްލަ ގޮތުން ވެސް ވާދަ ނުކުރެވޭ ގޮތަށް ޕީޕީއެމްގެ ފަރާތުން ހުށަހެޅި ބިލުގެ ބަހުސު ފައްޓައިފި އެވެ.

ވިލިނގިލި ދާއިރާގެ މަޖިލިސް މެންބަރު ސައުދު ހުސެން ހުށަހަޅުއްވާފައިވާ، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރަން ފެންނަ ކަމަށް ފާސްވީ މިއަދު މަޖިލީހަށް ހާޒިރުވި 35 މެންބަރުންގެ ތެރެއިން 27 މެންބަރުން އެ ބިލަށް ބަހުސްކުރަން ވޯޓްދީގެންނެވެ. ބިލަށް ބަހުސް ކުރަން ނުފެންނަ ކަމަށް އަށް މެންބަރަކު ވޯޓް ދިން އިރު ވަކިގޮތަކަށް ވޯޓްދޭން ބޭނުން ނޫން ކަމަށް އެއް މެންބަރަކު ވޯޓް ދިނެވެ.

މަޖިލީހަށް ބިލް އިއްވަވައިދެއްވަމުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެން ވިދާޅުވީ، ޕާޓީތަކުގެ ޕްރައިމެރީގައި ވާދަކުރާ މެންބަރުން ޕްރައިމެރީން ބަލިވެގެންދާ ހިނދު، އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުތަކުގައި ބައިވެރިވުމުގެ ސަބަބުން ޕާޓީތަކުގެ މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދޭތީ އެކަން ހައްލުކުރުމުގެ ގޮތުން ހުށަހެޅި ބިލެއް ކަމަށެވެ.

ސިޔާސީ ޕާޓީތަކާ ގުޅޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު:

  • ސިޔާސީ ޕާޓީއެއްގެ ޕްރައިމެރީ ގައި ވާދަކޮށްފައިވާ ކެންޑިޑޭޓަކު އެހެން ހައިސިއްޔަތަކުން އިންތިހާބުގައި ވާދަ ނުކުރުން. އަދި އެހެން ގާނޫނެއްގައި އެހެން އޮތްކަމުގައިވީ ނަމަވެސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވާ މެންބަރަކު ގާނޫނު އަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެޕާޓީގެ ޕްރައިމެރީގައި ވާދަކޮށްފައިވާ މެންބަރަކު އެހެން އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ.

  • އެ މާދާގެ ހ. ގައިވާ ގޮތުގެ މަތިން އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓް ހޯދުމަށް ޓަކައި ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު އެ އިންތިހާބުގެ އެހެން އެއްވެސް ހައިސިއްޔަތަކުން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި ނަމަ، އެ ކޮމިޝަނުން އެމީހެއްގެ ކެންޑިޑެސީ ބާކީކުރުން.

ސައުދު ވިދާޅުވީ އެ ބިލް މަޖިލީހަށް ހުށަހެޅުމަށް ޖެހޭ ސަބަބުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ އާ ހަޔާތުގައި ޑިމޮކްރަސީގެ އެންމެ މުހިންމު މަސްދަރަކީ ސިޔާސީ ޕާޓީތަކަށް ވާއިރު، ޕާޓީތަކުން ބާއްވާ ޕްރައިމެރީތަކަކީ ހަރުދަނާ އުސޫލެއްގެ މަތިން ބާއްވާ ޕްރައިމެރީއަކަށް ހެދުން ކަމަށެވެ.

އޭގެ އިތުރުން ޕްރައިމެރީތަކުން ފެއިލްވާ ކެންޑިޑޭޓުން އެހެނިހެން ހައިސިއްޔަތުތަކުން އިންތިހާބުތަކުގައި ވާދަކުރާތީ އޭގެ ސަބަބުން ޕާޓީތަކަށް ލިބޭ ގެއްލުން ފިލުވާލުން ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ބަހުސް ކުރިއަށްގެންދާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވީ ތިން ގަޑިއިރަށް ކަމަށެވެ.