ވޮޝިންޓަން(ނޮވެމްބަރު 21): އެމެރިކާގެ ރައީސުލްމުންތަޚަބް، ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ދިފާއީ ވަޒީރަކަށް އެމެރިކާގެ ހަރުކަށި ޚިޔާލުގެ ބޭފުޅެއްކަމަށްވާ ރިޓަޔަޑް ޖެނެރަލް ޖޭމްސް މާޓިން ހަމަޖައްސަވައިފިއެވެ.

މިކަން ކަށަވަރުކޮށްދެއްވަމުން ޓްރަމްޕް ވިދާޅުވީ، ރިޓަޔަޑް ޖެނެރަލް ޖޭމްސް މާޓިންއާ ދިފާއީ ވުޒާރާ ހަވާލުކުރަން ނިންމަވާފައިވާ ކަމުގައެވެ. ޓްރަމްޕް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އޭނާގެ ސަރުކާރުގެ އިސް މަގާމުތަކަށް (ކެބިނެޓްގެ މަގާމުތަކަށާއި ޖާސޫސީ އިދާރާގެ ވެރިޔާގެ މަގާމާއި ގައުމީ ސަލާމަތާބެހޭ މުސްތަޝާރުކަމުގެ މަގާމުފަދަ) ބޭފުޅުން ޢައްޔަން ކުރުމުގެ މަސައްކަތްތަކެވެ.

މިގޮތުން ސެކްރެޓަރީ އޮފް ސްޓޭޓް ނުވަތަ ޚާރިޖީ ވަޒީރު ކަމުގެ މަގާމަށް އިޚްތިޔާރު ކޮށްފައިވަނީވެސް ހަރުކަށި ވިސްނުމުގެ ބިލިޔަނަރެއްކަމަށްވާ މިޓް ރުމްނީއެވެ. ރުމްނީއަކީ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ފަރާތުން ކުރިން ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. ޓްރަމްޕްގެ ސަރުކާރުގެ ދިފާއީ ވަޒީރު ކަމުގެ މަގާމު ދިނުމަށް ހަމަޖައްސާފައިވާ ޖޭމްސް މާޓިސްއަކީ 44 އަހަރު އެމެރިކާގެ ސިފައިންގެ ތެރޭގައި ޚިދްމަތްކޮށްފައިވާ ބޭފުޅެކެވެ.

މިގޮތުން 2004 ވަނަ އަހަރު އިރާގުގެ ފަލޫޖާގައި އިރާގުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އެމެރިކާ ސިފައިން ހިންގި އަނިޔާވެރި އަސްކަރީ އޮޕަރޭޝަންގެ އިސް ކޮމާންޑަރަކަށް ހުންނެވީ މާޓިން އެވެ. މާޓިންވަނީ ފަލޫޖާގައި އެމެރިކާ ސިފައިން ހިންގާފައިވާ އަނިޔާވެރި ބައެއް އަސްކަރީ އޮޕަރޭޝަންތަކަކީ ހިތަށް ފިނިކަން ގެނެސްދިން އޮޕަރޭޝަންތަކެއް ކަމަށް ސިފަކުރައްވައި 2005 ވަނަ އަހަރު ސެންޑިޔޭގޯ ގައި ބޭއްވި އަސްކަރީ ޖަލްސާއެއްގައި ވާހަކަ ދައްކަވާފައެވެ.

ފަލޫޖާގައި 2004 ވަނަ އަހަރު އިރާގުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް އެމެރިކާ ސިފައިން ހިންގި އަނިޔާވެރި އަސްކަރީ އޮޕަރޭޝަންގައި އިރާގުގެ އާންމުންގެ އެތަށް ސަތޭކަ ބަޔަކު މަރާލާފައިވެއެވެ. އަނެއްކޮޅުން ޖޭމްސް މާޓިންއަކީ އީރާނާ އިންތިހާއަށް ދުޝްމަން ބޭފުޅެކެވެ. އޭނާވަނީ އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވެވެސް ވާހަކަ ދައްކަވާފައެވެ. (ނޫސްއެޖެންސީތައް)