ޕެރިސް(ނޮވެމްބަރު 21): ފްރާންސުގެ ސެންޓާ-ރައިޓް ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވި އެ ގައުމުގެ ކުރީގެ ރައީސް ނިކޮލާ ސާކޯޒީ ޕްރައިމަރީގެ ފުރަތަމަ ރައުންޑުން ނާކާމިޔާބުވެއްޖެ އެވެ.

ޕްރައިމަރީގައި ބަލި ގަބޫލު ކުރައްވަމުން ސާކޯޒީ ވަނީ އެޕްރައިމަރީން އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވި ފްރާންސުވާ ފިއޯން އަށް ތާއިދު ކުރައްވާ ކަން ހާމަ ކުރައްވާފަ އެވެ. ފިއޯން ވަނީ ސާކޯޒީގެ ވެރިކަމުގައި 2007ން 2012 އަށް ގައުމުގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ.

"އަޅުގަނޑު ދެރައެއް ނުވޭ. އަޅުގަނޑު ބޭނުންވަނީ ގައުމަށް އެންމެ ރަނގަޅު ގޮތް،" ސާކޯޒީ ވިދާޅުވި އެވެ.

އިއްޔެ އޮތް ޕްރައިމަރީގެ ދެވަނަ އަށް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވި އަލަން ޖުޕޭ އަކީވެސް ފްރާންސުގެ ކުރީގެ ބޮޑުވަޒީރެކެވެ. އެދެބޭފުޅުން ވާދަ ކުރައްވާ ދެވަނަ ރައުންޑެއް އަންނަ އާދިއްތަ ދުވަހު ބާއްވާނެ އެވެ. އަދި އެންމެ ގިނަ ވޯޓު ލިބޭ ފަރާތް ވާނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށެވެ.

ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގެ ދެވަނަ ރައުންޑުގައި ވާދަ ކުރައްވާނީ އަލަން ޖުޕޭ (ކ) އަދި ފްރާންސުވާ ފިއަން (ރ) -- ފޮޓޯ: އޭއެފްޕީ

ސާކޯޒީ އަށް ޕާޓީގެ ޕްރައިމަރީ ނާކާމިޔާބުވެފައި ވަނީ 2012 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި ހަރަދު ކުރަންވާ ވަރަށް ވުރެ އިތުރަށް ހަރަދު ކުރުމުން އެމައްސަލައިގެ ޝަރީއަތް ބާއްވަން މިދިޔަ ސެޕްޓެމްބަރު މަހު ފްރާންސުގެ ކޯޓުން ނިންމާފައި ވަނިކޮށެވެ. (ބީބީސީ)