21 Nov 2016, 08:49
ބޮލީވުޑްގެ ބަތަލާ ކާޖޮލް އަކީ ހަމަގައިމުވެސް މޮޅު، ހުނަރުވެރި ފަންނާނެކެވެ. ކޮންމެ ފިލްމެއްގައި ވެސް ކާޖޮލްގެ ފަރާތުން މޮޅު އެކްޓިން އެއް ފެނިގެންދެ އެވެ. އަދި ކޮންމެ ކަހަލަ ރޯލެއް ވެސް ވަރަށް މޮޅަށް ގެނެސްދެ އެވެ.
ގިނަ ފިލްމްތަކެއް ކުޅުމަށް ފަހު، ކެމެރާގެ ކުރިމަތިން ގެއްލުނީ އެކްޓަރު އަޖޭ ދޭވްގަން އާ ކައިވެނި ކުރި ހިސާބުންނެވެ. މިހާރު އަލުން ފިލްމީ ދާއިރާއަށް ނުކުތުމަށް މަސައްކަތް ކުރަމުން އަންނަ އުމުރުން 42 އަހަރުގެ ކާޖޮލް ބުނީ އޭނާ އަކީ ރީތި މީހެއް ކަމަށް ކުރިން ގަބޫލު ނުކުރާ ކަމަށެވެ.
ނަމަވެސް ހަޔާތުގެ ވަރަށް ގިނަ ކަންކަން މިހާރު ބަދަލުވެފައިވާ ކަމަށާއި، އޭނާ އަކީ ރީތި އަންހެނެއް ކަމަށް މިހާރު ގަބޫލު ކުރާ ކަމަށެވެ.
ކާޖޮލް ވަނީ ޒުވާންކަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އަދި އުމުރުން ދުވަސްވާ ވަރަކަށް، ޒުވާންކަން ދެމެހެއްޓުމުގެ ބޭނުން ބޮޑުވާ ކަމަށް ވެސް ކާޖޮލް ބުންޏެވެ.
"ފާއިތުވި އަހަރު ތަކުގައި ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ. އަހަރެން މިހާރު ގަބޫލު ކުރަން އަހަންނަކީ ރީތި މީހެއް ކަމަށް. އެކަން ގަބޫލު ކުރަން ވަރަށް ދުވަސް ނެގި،" ކާޖޮލް ބުންޏެވެ.
ކާޖޮލް ބުނީ މިހާރު އޭނާ އަކީ މުޅިން ބަދަލުވެފައިވާ މީހެއް ކަމަށާއި، ދިރިއުޅުމަށް ހެޔޮ ބަދަކުތަކެއް އައިސްފައިވާ ކަމަށެވެ.
ޒުވާންކަން ދެމެހެއްޓުމަށް ކާޖޮލް ކުރާ މަސައްކަތްތައް ކިޔައިދެމުން ކާޖޮލް އޭނާ ވަރަށް ގިނަ އިން ފެން ބޮއެ އުޅޭކަމަށް ބުނެފައެވެ. އަދި ދުވާލަކު ތިން ފަހަރު މޫނު ދޮންނަ ކަމަށް ވެސް ބުނެފައިވެ އެވެ.
ކާޖޮލް ބުނީ އޭނާ ބޭނުން ވަނީ އޭނާގެ މަންމަ، ތަނޫޖާ ކަހަލަ މީހަކަށް ވުމަށް ކަމަށެވެ. ކާޖޮލްގެ މަންމަ އަކީ އުމުރުން ދުވަސްވެފައި ވީނަމަވެސް ފެންނަ ފެނުމަށް ވަރަށް ޒުވާން އަދި އެހާމެ ރީތި މީހެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.