21 Nov 2016, 08:43
ދެހާސް އަށް ވަނަ އަހަރުގެ ހިޓް ފިލްމު 'ރޮކް އޮން'ގެ ދެވަނަ ބައި 'ރޮކް އޮން 2' އަށް ބޮކްސް އޮފީހުގައި އެދެވޭ ކާމިޔާބެއް ލިބެމުން ނުދަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުއްލިގޮތަކަށް 500 އަދި 1000 ރުޕީޒްގެ ނޫޓުތައް އުވާލުމުން ކަމަށް ފިލްމުގެ ލީޑު ރޯލަކުން ފެނިގެންދާ ފަންނާނު އަރުޖުން ރާމްޕާލް ބުނެފި އެވެ.
މި މަހުގެ 11 ވަނަ ދުވަހު ރިލީޒް ކުރި 'ރޮކް އޮން 2' އަށް މިހާތަނަށް ލިބިފައި ވަނީ ގާތްގަނޑަކަށް 10 ކުރޯޑު ރުޕީޒް އެވެ. އެއާއެކު އެ ފިލްމު ހިމެނިގެން ގޮސްފައި ވަނީ މި އަހަރު މިހާތަނަށް ނުކުތް ފިލްމުތަކުގެ ތެރެއިން ފުރަތަމަ ހަފްތާގައި އެންމެ ކުޑަ އާމްދަނީއެއް ހޯދި ފިލްމުތަކުގެ ލިސްޓުގައެވެ.
މީޑިއާ އާ ވާހަކަ ދައްކަމުން އަރްޖުން ބުނީ ފިލްމަކީ ރަނގަޅު މޮޅު ފިލްމެއް ކަމަށާއި، ނަމަވެސް ފިލްމަށް އެދެވޭ ތަރުހީބެއް ލިބެމުން ނުދަނީ ރައްޔިތުންގެ އަތުގައި ފައިސާ ނެތުމުން ކަމަށެވެ.
އިންޑިއާގެ ކަޅު ފައިސާގެ ބާޒާރު ހުއްޓުމަކަށް ގެނައުމަށް އިންޑިއާގެ 500 އަދި 1000 ރުޕީޒްގެ ނޫޓުތައް އުވާލީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.
"މުޅި ގައުމުގައި ވެސް ނެތް ފައިސާ އެއް. ދެން ކިހިނެތް ރޮކް އޮން 2 އަށް އާމްދަނީ އެއް ލިބޭނީ. ފިލްމު ރިލީޒް ކުރެވުނީ ނުބައި ދަނޑިވަޅެއްގައި. އެކަމަކު މިއީ މޮޅު ފިލްމެއް. އަތުގައި ފައިސާ ހުރި މީހުން ގާތު އަހަރެން އެދެން ފިލްމް ބަލާލަން ދިއުމަށް،" އަރްޖުން ބުންޏެވެ.
ފިލްމު ފްލޮޕްވި ނަމަވެސް އަރްޖުން ވަނީ ސަރުކާރުގެ ކުއްލި ނިންމުމަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ. އަރުޖުން ބުނީ އެ ނިންމުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އިންޑިއާ އަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.