21 Nov 2016, 08:40
އިނގިރޭސި ޕްރިމިއާ ލީގުގައި މިޑްލްސްބަރާ ކޮޅަށް ޑިއޭގޯ ކޮސްޓާ ކާމިޔާބުކޮށްދިން ލަނޑުން، ތާވަލުގެ އެއް ވަނައަށް ޗެލްސީ ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ރޭ މިޑްލްސްބަރާއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވެފައި ވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާ އެކު ތާވަލުގެ އެއް ވަނައަށް ޗެލްސީ އަރާފައި ވަނީ ކުޅުނު 12 މެޗުން ލިބުނު 28 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލާއި ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވެސް 12 މެޗުން ލިބިފައި ވަނީ 27 ޕޮއިންޓެވެ. ލިވަޕޫލް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ ހަތަރު ވަނައިގައި އޮތް އާސެނަލަށް ލިބިފައި ވަނީ 25 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިޑްލްސްބަރާ އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވެފައި ވަނީ 1-0 ލަނޑުން --- ފޮޓޯ: އޭޕީ
ރޭ ކުޅުނު މެޗުގައި ލަނޑު ޖަހާނެ ފުރަތަމަ ފުރުސަތު ލިބުނީ ޗެލްސީ އަށެވެ. މެޗުގެ 18 ވަނަ މިނެޓުގައި ބެލްޖިއަމް ފޯވަޑް އެޑެން ހަޒާޑް ދިން ބޯޅައަކުން ނައިޖީރިއާ މިޑްފީލްޑަރު ވިކްޓާ މޮސެސް އުފެއްދި ހަމަލާ، ކޮސްޓާގެ ގައިގައި ޖެހިފައި ދިޔައީ ބޭރަށެވެ.
މެޗުގެ 28 ވަނަ މިނެޓުގައި ވެސް ޗެލްސީ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މޮސެސް ދިން ބޯޅައަކުން ސްޕެއިން މިޑްފީލްޑަރު ޕެޑްރޯ ރޮޑްރިގޭޒް އުފެއްދި ހަމަލާ، ހުޝިޔާރުކަމާއެކު މިޑްސްލްބަރާގެ ގޯލްކީޕަރު ވިކްޓަ ވަލްޑޭސް ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، ޗެލްސީން ވަނީ ލަނޑު ޖަހައި ލީޑު ހޯދައިފައެވެ. ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކޮސްޓާ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިޑްލްސްބަރާ އާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ޗެލްސީ މޮޅުވެފައި ވަނީ 1-0 ލަނޑުން --- ފޮޓޯ: އޭޕީ
މެޗުގެ 56 ވަނަ މިނެޓުގައި މިޑްލްސްބަރާއަށް ލަނޑު ޖަހައި، ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނެގްރެޑޯ ދިން ބޯޅައަކުން އުރުގުއާއީ މިޑްފީލްޑަރު ގަސްޓޮން ރަމީރޭޒް އުފެއްދި ހަމަލާ ޗެލްސީގެ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ވެސް ނަތީޖާ ހަމަހަމަކޮށްލުމަށް މިޑްލްސްބަރާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން މިޑްލްސްބަރާގެ ސްޕެއިން ފޯވަޑް ނެގްރެޑޯ އުފެއްދި ހަމަލާ، ޗެލްސީގެ ބެލްޖިއަމް ގޯލްކީޕަރު ތިބައުޓް ކޯޓުވާ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.