21 Nov 2016, 08:37
އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވި ޑޮނަލްޑް ޓްރަމްޕްގެ އަނބިކަބަލުން މެލާނިއާ ޓްރަމްޕް އަދި ދަރިކަލުން ބެރޮން ޓްރަމްޕްގެ ދިރިއުޅުން ވައިޓް ހައުސްއަށް ބަދަލު ނުކުރާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފި އެވެ.
ޑޮނަލްޑް ޓްރަމްޕްގެ ތަރުޖަމާނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ މެލާނިއާ އަދި ބެރޮން ވައިޓްހައުސްއަށް ދިރިއުޅުން ބަދަލު ކުރާނީ "ފަހަރެއްގައި" ކަމަށެވެ.
ޓްރަމްޕްގެ ތަރުޖަމާނު ޖޭސަން މިލާ ވިދާޅުވެފައި ވަނީ ކުރިއަށް ދަނީ ދިރާސީ އަހަރުގެ ކިޔެވުމުގެ މެދުތެރޭން ކަމުން، ބެރޮން ސުކޫލުން ކަނޑާލައިގެން ވޮޝިންޓަނަށް ބަދަލު ކުރުމުން ކިޔެވުމަށް އަސަރުކޮށްފާނެ ކަމާމެދު މެލާނިއާ ވިސްނާ ކަމަށެވެ.
މިވަގުތު ބެރޮން ތައުލީމު ހާސިލް ކުރަމުން ދަނީ ނިއުޔޯކުގައި ހުންނަ ކޮލަމްބިއާ ގްރަމާ އެންޑް ޕްރިޕަރޭޓަރީ ސުކޫލުގައެވެ.
މެލާނިއާ ޓްރަމްޕްގެ ވިސްނުން ހުރީ ދަރިކަލުން ބެރޮންއަށް ފައިދާ ހުރި ގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިއުމަށް ކަމަށްވެސް ޖޭސަން ވަނީ ވިދާޅުވެފައެވެ.
ހިލަރީ ކްލިންޓަނާ ވާދަކުރައްވައ،ި ކުރީން ގިނަބަޔަކު ހީކުރި ގޮތާ ޚިލާފަށް ބޮޑު ތަފާތަކުން އެމެރިކާގެ 45 ވަނަ ރައީސްގެ މަގާމު ޑޮނަލްޑް ޓްރަމްޕް ވަނީ ކާމިޔާބު ކުރައްވާފައެވެ.
އެ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ޖުމަލް 270 އިލެކްޓޮރަލް ވޯޓު ހޯދަން ޖެހޭ އިރު ޓްރަމްޕު ވަނީ، 290 އިލެކްޓޮރަލް ވޯޓް ހޯއްދަވައިފައެވެ. ހިލަރީއަށް ލިބިވަޑައިގަތީ 232 އިލެކްޓޮރަލް ވޯޓެވެ.