ލޯކަލް ކައުންސިލުގެ އިންތިޚާބުގައި ރީ ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީހަކީ މާދަމާ ކަމުގައި ކަނޑައެޅި ނިންމުމަށް އަމަލު ކުރުން ފަސް ކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ރީރަޖިސްޓްރީ ކުރުމާ ގުޅޭ ގޮތުން ސިވިލް ކޯޓުން މިރޭ އަމުރުކޮށްފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުު ފަސްކުރުމަށް ޕީޕީއެމް އިން ހުށަހެޅި މައްސަލާގައި ވަގުތީ އަމުރަކަށް އެދުމުންނެވެ.

ޕީޕީއެމުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ މިހާރު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީޚުގައި އިންތިހާބު ބާއްވައިފި ނަމަ އެ ޕާޓީ އަށް "އިއާދަ ނުކުރެވޭ ފަދަ ގެއްލުމެއް ކުރިމަތިވެދާނެ" ކަމަށް ބުނެ އެވެ. އެއީ އެ ޕާޓީގެ ހިންގުމަށް ދިމާވި މައްސަލަތަކާއި ޕާޓީގެ ޑާޓާ ބޭސް ނެތުމާއި މެމްބަރުންގެ ދަފްތަރު ނެތުން ފަދަ މައްސަލަތައް ނެތުމުން ކަމަށް ފާހަގަކޮށްފައިވެ އެވެ.

ސިވިލް ކޯޓުން މި ރޭ ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ޕީޕީއެމުން ހުށަހަޅާފައިވާ މައްސަލާގައިވާ ގޮތުން ރީ ރެޖިސްޓްރީ ކުރުމަށް އިލެކްޝަންސް އިން ކަނޑައަޅާފައިވާ ތާރީހަށް އަމަލު ކުރުން ފަސްކުރަން ފެންނަ ކަމަށެވެ.

"އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް އަދި ސިޓީ ކައުންސިލްތަކުގެ އިންތިހާބުގެ ރީ ރެޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 21 ނޮވެމްބަރު 2016 މި ތާރީހަށް އަމަލު ކުރުން ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަންގާ އަމުރުކޮށްފީމެވެ،" ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަނުން ރީ ރެޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީހަށް އަމަކުރުން ފަސްކޮށްފައިވާ ކަމަށެވެ. އަދި ފަސް ކުރީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށް ވެސް އެ ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވި އެވެ.