މައްކާ (20 ނޮވެމްބަރު): މަހުގެ އެއްވަނަ ދުވަހުން ފަށައިގެން ކުރިއަށްދާ އުމުރާ ސީޒަނުގައި މިހާތަނަށް 370،000 މީހުންނަށް އުމްރާ ވިސާ ދޫކޮށްފައިވާކަން ސައުދީ ސަރުކާރުން ހާމަކޮށްފި އެވެ.

މިއީ މިދިޔަ އަހަރުގެ މި ސީޒަނުގައި އުމްރާ ވިސާ ދޫކުރި އަދަދަށް ވުރެ 30،000 އިތުރު އަދަދެކެވެ.

ސައުދީގެ އުމްރާއާ ބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީ އިން ބުނީ މި ސީޒަނުގައި މިހާތަނަށް 150،000 މީހުން އުމުރާވުމަށް މައްކާ އަދި މަދީނާއަށް ގޮސްފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ އުމްރާއަށް ދާ މީހުންގެ އަދަދު އިތުވެފައި ވަނީ މައްކާ އަދި މަދީނާގައި ވެސް އުމްރާވެރިންނަށް ދޭ ފެންވަރު ރަނގަޅު ވުމުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"އުމްރާއަށް ދާ ފަރާތްތަކަށް ހިދުމަތް ދޭ ފަރާތްތަކާއި އެޖެންސީތަކުން ދޭ ހިދުމަތްތައް ރަނގަޅުތޯ ބެލުމަށް މައްކާ އަދި މަދީނާގައި ވެސް މޮނިޓަރުން ވަނީ ބައިތިއްބާފައި، އޭގެ ތެރޭގައި ނިދުމާއި ކެއުމާއި އެހެނިހެން އިންތިޒާމުތަކުގެ ފެންވަރު ރަނގަޅަށް ދޭތޯ ބަލާނެ،" އުމްރާގެ ކަންތައްތަކާ ބެހޭ މިނިސްޓްރީގެ އަންޑަ ސެކެޓްރީ އީސާ ރޯވަސް ވިދާޅުވި އެވެ.

ރޯވަސް ވިދާޅުވީ ގެފުޅު ވަށާ ބޮޑު ކުރުމަށް ހިންގާ ޕްރޮޖެކްޓް ނިމުމުން މިހާރަށް ވުރެވެސް ގިނަ މީހުންނަށް ހައްޖުވުމަށާއި އުމްރާވުމަށް ފުުރުސަތު ލިބިގެންދާނެ ކަމަށެވެ.

ކުރިއަށް އޮތް އުމްރާ ސީޒަނުގައި އަށް މިލިއަން މީހުންނަށް އުމްރާ ވުމުގެ ފުރުސަތު ދިނުމަކީ އުންމީދު ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.

މައުލޫމާތު- (ސައުދީ ގެޒެޓް)