ވޮޝިންގޓަން : އެމެރިކާގެ އަތްދަށުގައި ހުރި ޢިރާޤުގެ 12 ބިލިޔަން އެމެރިކާ ޑޮލަރުގެ ތެރެއިން 6.6 ބިލިޔަން ޑޮލަރަށް ވީނުވީއެއް ނޭންގި ގެއްލިފައިވާ ކަމަށް އެމެރިކާގެ މަސްއޫލުވެރިންނާ ޙަވާލާދީ އެމެރިކާގެ ނޫހެއްކަމަށްވާ "ލޮސްއެންޖެލަސް ޓައިމްސް" ބުނެފިއެވެ.

ނޫސް ބުނާގޮތުން އެމެރިކާގެ އަތްދަށުގައި ހުރި ޢިރާޤުގެ މިފައިސާ، ނަގުދުގެ ގޮތުގައި ޢިރާޤަށް ގެންދިޔައީ 2003 ގައި ޢިރާޤަށް އެމެރިކާ އަރައި ޢިރާޤު ހިފުމަށްފަހު ޢިރާޤުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޚަރަދު ކުރުމަށެވެ.
އެއާލިފްޓަކުން ވިހި މަތިންދާބޯޓުގައި ނަގުދުގެ ގޮތުގައި މިފައިސާ ބަޣްދާދަށް ގެންދިޔަ ކަމަށާ ނަމަވެސް ބަޣްދާދަށް ގެންދިޔުމަށްފަހު މީގެތެރެއިން 6.6 ބިލިޔަން އެމެރިކާ ޑޮލަރަށް ވީގޮތެއް އެނގިފައި ނުވާކަމަށް އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން ބުނެއެވެ.
މިފައިސާގެ ކަންތައް ތައް ބެލެހެއްޓި އެމެރިކާގެ ފެޑްރަލް ސަރުކާރުގެ އެކައުންޓެންޓުން ދެކެވަޑައިގަންނަވާ ގޮތުގައި ކޮންމެވެސް ފަރާތަކުން ވަނީ މި 6.6 ބިލިޔަން ޑޮލަރު ވަގަށް ނަގާފައެވެ.

ޢިރާޤާ ހަނގުރާމަކޮށް ޢިރާޤު ތަޅައި ސުންނާފަތި ކުރުމަށްފަހު ޢިރާޤު އަލުން ބިނާކޮށް އާރާސްތު ކުރުމުގެ ނަމުގައި އެމެރިކާ އިސްވެ އޮވެގެން އެޤައުމުގައި ހިންގި މަޝްރޫޢުތަކާއި ހަރަކާތައްވަނީ ފޭލްވެ ފަނުފުލުން ގޮސްފައެެވެ. މި މަޝްރޫޢުތައް ފޭލްވެ ފަނަފުލުން ގޮސްފައިވަނީ ކޮރަޕްޝަނާއި ސިޔާސީ ނުފޫޒުތަކުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޢިރާޤު އަލުން ބިނާކޮށް އާރާސްތު ކުރުމުގެ ނަމުގައި އެމެރިކާ ހިންގި މަޝްރޫޢުތައް ބެލެހެއްޓުމާ ޙަވާލުވެހުންނެވި އެމެރިކާގެ އިނިސްޕެކްޓަރ ޖެނެރަލް ސްޓައުޓް ބޫވާ ވިދާޅުވި ގޮތުގައި ގެއްލިފައިވާ ޢިރާޤުގެ 6.6 ބިލިޔަން ޑޮަލަރަކީ މީގެ ކުރިން ނުހިނގަފަދަ އާދަޔާ ޚިލާފު ބޮޑު ވައްކަމެކެވެ. މިއީ އެމެރިކާގެ ޤައުމީ ތާރީޚުގައި ވެސް މިހާތަނަށް ހިނގާފައިވާ ފައިސާގެ އެންމެ ބޮޑު ވައްކަން ކަމަށް އޭނާ ސިފަކުރެއްވިއެވެ. -- ލޮސްއެންޖޮލަސްޓައިމް