21 Nov 2016, 08:46
އޮލިމްޕަހުގައި ހައުސްފުލް ޝޯތަކެއް ދެއްކުމަށްފަހު، މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ފުރަތަމަ ބިރުވެރި ފިލްމު، "4426"ގެ ވަދާއީ ޝޯތަކަށް ތައްޔާރުވެއްޖެ އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރި ނަހުލާ އަދި އަހުމަދު ޝިނާން ޑައިރެކްޓަރެއްގެ ގޮތުގައި ކެމެރާގެ ފުރަގަހުން ހަރަކާތްތެރިވެފައިވާ ފިލްމު، "4426"ގެ ގިނަ ޝޯތަކެއް ކުރިއަށްދިޔައީ ހައުސްފުލްވެގެންނެވެ.
އޮލިމްޕަހުގެ އިތުރުން އަވައްޓެރި ސްރީލަންކާގައި އެ ފިލްމުގެ ހައުސްފުލް ތިން ޝޯއެއް ދައްކާފައިވާއިރު ރާއްޖޭގެ ރަށްތަކުން އެ ފިލްމަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން ކަމަށް ނަހުލާ ފާހަގަކުރެއެވެ.
ނަހުލާ ބުނިގޮތުގައި، ކާމިޔާބު ޝޯތަކަކަށްފަހު ފިލްމު، "4426"ގެ ވަދާއީ ޝޯތަކަށް މިހާރު މިވަނީ ތައްޔާރުވެފައެވެ. އެގޮތުން މިމަހުގެ 25 އަދި 26 ގައި އެ ފިލްމުގެ ވަދާއީ ޝޯތައް އޮލިމްޕަހުގައި ދައްކަން ހަމަޖެހިފައިވާއިރު އެ ދެ ޝޯއަށް ޓިކެޓް ދަނީ ވިއްކަމުންނެވެ.
އޭގެ އިތުރުން، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ރަށްތަކެއްގައި އެ ފިލްމު ދައްކަން ހަމަޖެހިފައިވާއިރު އާބާދީ ކުޑަ ރަށްތަކުގައި ތިބި އޭނާގެ ފޭނުންނަށް ވެސް ފިލްމު ދެއްކުމަށް މަސައްކަތްކުރަމުންދާ ކަމަށް ނަހުލާ މީގެ ކުރިން ބުނެފައިވެއެވެ.
މުޅިން ވެސް ލޯބީގެ އަސަރުގަދަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނަހުލާގެ "4426" އަކީ އޭނާގެ ކުރީގެ ފިލްމު، "ޔޫސުފް"ގެ ރިކޯޑް މުގުރާލުމަށް ހެދި ފިލްމެކެވެ. އަދި އެއީ މިހާތަނަށް ނަހުލާ ކުރި އެންމެ ބުރަ އަދި އެންމެ ބޮޑު ހޭދައެއްކުރި މަސައްކަތްކަމަށް އޭނާ ބުނެ އެވެ.
މަޝްހޫރު ގިނަ ތަރިންތަކާއި އާ މޫނުތަކެއް ފެނިގެންދާ "4426" އަކީ ގެއެއްގެ ތެރޭގައި ބަންދުވެ، ބަޔަކަށް ދިމާވާ ރޫހާނީ ކަންތައްތަކެއް ދައްކައިދޭ ބިރުވެރި ފިލްމެކެވެ.
ފިލްމުގެ ތަރިންގެ ތެރޭގައި ކުރިއަރަމުން އަންނަ ޒުވާން ތަރި، މަރިޔަމް އައްޒަ އާއި ޖުމައްޔިލް ނިމާލާއި މުޙައްމަދު ޖުމައިހުގެ އިތުރުން މަޝްހޫރު އަދި ތަޖުރިބާކާރު ތަރިންގެ ތެރޭގައި ހިމެނޭ ޔޫސުފް ޝަފީއުގެ އިތުރުން ޝީލާ ނަޖީބު ފަދަ ތަރިން ހިމެނެ އެވެ.