20 Nov 2016, 20:55
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ހަޔާތްޕުޅުގެ މުޅިން އާ ވާހަކަތަކެއް ހިމަނައިގެން ރާއްޖޭގެ ދުވަސްވީ ނޫސްވެރިޔާ މުހައްމަދު ޖަމީލު ލިޔުއްވާފައިވާ ބަޔޮގްރަފީ އަންނަ ހުކުރު ދުވަހު ނެރުމަށް ނިންމައިފި އެވެ.
އެފޮތަކީ ރައީސް ވަަހީދުގެ ތުއްޕުޅުއިރުގެ ހަޔާތްޕުޅާއި ތައުލީމީ ހަޔާތް އަދި ޒާތީ ދިރިއުޅުއްވުމުގެ މައުލޫމާތު ވެސް ހިމެނޭ ފޮތެއް ކަމަށް ޖަމީލު ވިދާޅުވި އެވެ.
ޖަމީލު "ސަން"އަށް ވިދާޅުވީ 1989 ވަނަ އަހަރު ރައީސް ވަހީދު ސިޔާސީ ހަރަކާތް ފެއްޓެވި ގޮތާއި ސިޔާސީ ގޮތުން ހަޔާތުގައި ދިމާވި ގޮންޖެހުންތަކާއި އެމްޑީޕީގައި ދިމާވި މައްސަލަތަކާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުން ތަކުގެ ތަފްސީލު އެނގިގެން ދާނެ ކަމަށެވެ.
އޭގެ އިތުރުން ވެރިކަމުގައި ހުންނެވިއިރު ކަންތައް ހިނގާދިޔަ ގޮތުގެ މައުލޫމާތު ވެސް ފޮތުން ތަފްސީލުކޮށް އެނގިގެންދާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ. ފޮތުގައި ހިމެނޭނީ ހަމައެކަނި ރައީސް ވަހީދުގެ ވާހަކަތައް ނޫން ކަމަށާއި، ރައީސް ވަހީދުގައި އަރިހުގައި މަސައްކަތް ކުރެއްވި ގިނަބައެއްގެ މައުލޫމާތު ވެސް ފޮތުގައި ހިމެނޭނެ ކަމަށް ޖަމީލު ވިދާޅުވި އެވެ.
ޖަމީލު ވިދާޅުވީ މީގެކުރިން ރައީސްކަން ކުރެއްވި އިބްރާހިމް ނާސިރު ފަދަ އެތައް ރައީސުންނެއްގެ އަމިއްލަ ގިނަ ވާހަކަތަކެއް އެ ރައީސެއްގެ ދުލުން ގެނެސްދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން ރައީސުންގެ ވާހަކަތައް ފޮތެއްގެ ސިފައިގައި ގެނެސްދިނުމަކީ މުހިންމު ކަމެއް ގޮތުގައި ޖަމީލު ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން އިންގިލާބުކޮށްލައި އޭނާ އަވަހާރަކޮށްލި ހާދިސާ ދިރާސާކޮށް ލިޔެފައިވާ ފޮތް "އޯކިޑް" ލިޔުއްވާފައި ވަނީވެސް ޖަމީލު އެެވެ.