20 Nov 2016, 19:28
ލަންކާގެ މައުންޓް ލެވީނިއާ ސަރަހައްދުން މަސްތުވާތަކެއްޗާއެކު ޕާކިސްތާނުގެ ރައްޔިތަކާއި ތިން ދިވެހިން ހައްޔަރުކޮށްފިއެވެ.
ލަންކާގެ ޕޮލިސް ނާކޮޓިކްސް ބިއުރޯ (ޕީއެންބީ)ގެ ޑިރެކްޓަރު އެސްއެސްޕީ ކަމާލް ސިލްވާއާ ވިދާޅުވީ، ރޭގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި އެ ހަތަރު މީހުން އަތުލައިގަތީ ދެ ކިލޯގެ ހެރޮއިންއާއެކު ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބި މީހުން ދިން މައުލޫމާތުގެ އަލީގައި ހިންގި އޮޕަރޭޝަނެއްގައި ތިން ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މަސްތުވާކެތީގެ މައްސަލާގައި ލަންކާގެ އެކި ހިސާބުތަކުން މިހާތަނަށް 10 ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށް ލަންކާގެ ފުލުހުން ބުނެއެވެ.
އޭނާ ވިދާޅުވީ، ހައްޔަރު ކުރި ދިވެހިންގެ ފަރާތުން ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އަތުލައިގަތް ޕާސްކިތާން މީހާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައި މީހާއެވެ.
އެ މީހުންނާއެކު އަތުލައިގަތް މަސްތުވާތަކެއްޗަކީ ސްރީލަންކާއަށް އެތެރެކޮށް ރާއްޖެ ފޮނުވަން ތައްޔާރު ކުރި އެއްޗެހި ކަމަށާއި އެމީހުންނާ އެކު މަސައްކަތްކުރާ އިތުރު ދިވެހިންގެ ގުރޫޕެއްގެ މައުލޫމާތު ވަނީ އެނގިފައެވެ.