ކުއަލަލަމްޕޫރު (ނޮވެމްބަރު 20): މެލޭޝިއާ މިހާރު ކޮންޓްރޯލް ކުރަމުން ދަނީ ވަގުން ކަމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

މަހާތިރު އެފަދައިން ވިދާޅުވީ މެލޭޝިއާގެ އިންވެސްޓްމެންޓް ފަންޑު ވަންއެމްޑީބީގެ ކޮރަޕްޝަނުގެ މައްސަލައާ ގުޅިގެން ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އިސްތިއުފާއަށް ގޮވާލައި 20،000 މީހުން ކުއަލަލަމްޕޫރުގައި ބޭއްވި މުޒާހަރާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޖީބުގެ އިސްތިއުފާއަށް ގޮވާލައި 15 މަސް ތެރޭ ދެވަނަ ފަހަރަށް ބޭއްވި އެ މުޒާހަރާގައި މަހާތިރު ވަނީ ސަރުކާރުގެ ފައިސާ ނަޖީބު ވަގަށް ނަންގަވާފައިވާ ކަމަށް ވިދާޅުވެ، މެލޭޝިއާ މިހާރު "ކޮންޓްރޯލް ކުރަމުން ދަނީ ވަގުން" ކަމަށް ވިދާޅުވެފަ އެވެ.

"މި އަނިޔާވެރި ވެރިކަން ވައްޓާލަންވީ ވަގުތު އައިސް ޖެހިއްޖެ. ނަޖީބަކީ މިހާރު ބޮޑުވަޒީރުގެ މަގާމުގައި ހުރުމަށް އެކަށީގެންވާ މީހެއް ނޫން. އޭނާ ގެންދަވަނީ ގާނޫނާ ހިލާފަށް އަމަލު ކުރައްވަމުން،" މަހާތިރު ވިދާޅުވި އެވެ.

މެލޭޝިއާގެ ވަންއެމްޑިބީގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން ތަފާތު ގައުމުތަކުގައި ވަނީ ތަހުގީގުތައް ކުރިއަށް ގެންގޮސްފަ އެވެ. އެމައްސަލައިގައި ޝާމިލުވާ ކަމަށް ބުނެ ބޮޑުވަޒީރު ނަޖީބާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތައް އޭނާ ވަނީ ދޮގު ކުރައްވާފަ އެވެ.

ަނަމަވެސް އެ ފަންޑާ ގުޅުން ހުރި މުދާތައް ހިފަހައްޓަން އަމުރެއް ނެރެދިނުމަށް އެދި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ކޯޓަށް ހުށަހެޅި މައްސަލައެއްގައިވާ ގޮތުން "މެލޭޝިއާގެ އޮފިޝަލް 1"ގެ އެކައުންޓަށް 1އެމްޑީބީ ފަންޑުން ފައިސާ ޖަމާކޮށްފައިވެ އެވެ. އެއީ "1އެމްޑީބީ ހިންގުމުގައި އިސްކޮށް އުޅުއްވި އަދި މެލޭޝިއާ ސަރުކާރުގެ އިސް އޮފިޝަލެއް،" ކަމަށް ކޯޓަށް ހުށަހެޅި ލިޔުމުގައިވެ އެވެ.

އެ އޮފިޝަލް އެކަކަކީ ބޮޑުވަޒީރު ނަޖީބު ކަމަށް މެލޭޝިއާގެ ކެބިނެޓުގެ އޮފިޝަލަކު ވަނީ ފަހުން ހާމަކޮށްފަ އެވެ.

އެމައްސަލައާ ގުޅިގެން މެލޭޝިއާގައި ކުރިއަށް ދިޔަ ތަހުގީގުތައް މިދިޔަ އަހަރު ނަޖީބު ވަނީ ހުއްޓުވާފަ އެވެ. އަދި އޭރުގެ އެޓާނީ ޖެނެރަލް މަގާމުން ވަކިކުރައްވާފަ އެވެ.

ބޮޑުވަޒީރު ނަޖީބު ވިދާޅުވާ ގޮތުގައި އޭނާގެ އިސްތިއުފާއަށް ގޮވާލައި އެގައުމުގައި ބާއްވަމުންދާ މުޒާހަރާތަކަކީ "ޑިމޮކްރަޓިކް އިންތިހާބަކުން ހޮވާފައިވާ ސަރުކާރެއް ވައްޓާލުމަށް" އިދިކޮޅު ފަރާތްތަކުން ރާވާއިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. (އޭއެފްޕީ)