21 Nov 2016, 00:41
ލީމާ (ނޮވެމްބަރު 20): ޗައިނާއާއި ރަޝިޔާ އިސްވެ އޮވެގެން ބައިނަލްއަގްވާމީ އައު ނިޒާމެއް އެކުލަވާލަންޖެހޭ ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑޫޓާޓޭ ވިދާޅުވެއްޖެއެވެ.
ޕެރޫގެ ވެރިރަށް ލީމާގައި ކުރިޔަށްދާ އޭޝިޔާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އަޕެކް)ގެ ފޯރަމްގެ އަރިމަތީގައި ރަޝިޔާގެ ރައީސް ވްލަޑިމިޔާ ޕޫޓިންއާ ބައްދަލުކުރެއްވުމަށްފަހު ޑުޓާޓޭ ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގައި އުފައްދާފައިވާ އދ. ގެ ނިޒާމަކީ އެމެރިކާ އާއި ހުޅަނގު ޔޫރަޕުން އިސްނަގައިގެން އުފައްދާފައިވާ ނިޒާމެއް ކަމަށާއި އެނިޒާމު އަދުގެ ދުނިޔެއަށް މިހާރު ފިޓް ނޫންކަމުގައެވެ.
އދ. ގެ އޮނިގަނޑުގެ ތެރޭން ދުނިޔޭގެ ބޮޑު އެއްވެސް މައްސަލައެއް ހައްލުނުވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަތައް އިތުރުވަމުންދާ މައްސަލައަށް އިޝާރާތް ކުރައްވައި ޑުޓާޓޭ ވިދާޅުވީ އިރާގާއި ސޫރިޔާ އާއި ލީބިޔާއާއި އަފްޣާނިސްތާނާއި ޔަމަންގެ އާއި ފަލަސްތީނުގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމުގައި އދ. ގެ ނިޒާމަށް ކުރެވޭ އެއްވެސް ކަމެއްނެތް ކަމުގައެވެ.
ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ބޮޑެތި ބާރުތަކުގެ ގޮތުގައި ތިބި ބައެއް ގައުމުތައް އެއީ މިޒަމާނުގައި ބާރުތަކެއްގެ ގޮތުގައި ސިފަކުރެވޭވަރަށްވުރެ ބުރަދަންނެތް ގައުމުތަކެއްކަމަށާ އަދި އެދުވަސް އާދައިގެ ގައުމުތަކުގެ ގޮތުގައި އޮތް ގައުމުތައް އަދުގެ ދުނިޔޭގައި މިހާރު ބޮޑެތި ބާރުތަކަށްވެފައިވާ ކަމަށްވެސް ޑުޓާޓޭ ވިދާޅުވިއެވެ.
މިބައްދަލު ކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ޑުޓާޓޭ ވަނީ އެމެރިކާ އާއި ހުޅަނގުގެ ބޮޑެތި ގައުމުތަކަކީ ދެއްކުންތެރި ދެފުށްދެ ގޮތް ގައުމުތަކެއް ކަމަށް ސިފަކުރައްވާފަ އެވެ. އަދި ޗައިނާއާއި ރަޝިޔާ އިސްނަގައިގެން އދ. ގެ ނިޒާމު ނޫން އެހެން ނިޒާމެއް ގާއިމްކޮށްފިނަމަ އދ. އިން ވަކިވެ އެ ނިޒާމުގައި ފިލިޕީންސުން ބައިވެރިވާނެ ކަމަށް ވެސް ޑުޓާޓޭ ވިދާޅުވި އެވެ.
ދުނިޔޭގައި އައިއެސް ޖަމާއަތާއި އަލްގާއިދާ ފަދަ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތްތައް އުފެދުނީ އެމެރިކާގެ ހަރުކަށި އަދި އަނިޔާވެރި ސިޔާސަތުގެ ސަބަބުންކަމަށް މުހައްލިލުން ސިފަކުރާއިރު ޑުޓޭޓޭ ވެސް ވަނީ އެފަދަ މޭރުމަކުން ވާހަކަ ދައްކަވައި އެމެރިކާ ކުށްވެރި ކުރައްވާފައެވެ. އަދި ޑުޓާޓޭ ހުކުރު ދުވަހުވަނީ ބައިނަލްއަގްވާމީ ޖިނާއީ ކޯޓަކީ ފަގީރު އަދި ނިކަމެތި ގައުމުތަކުގެ ލީޑަރުންނަށް ބިރު ދައްކާ ކޯޓެއް ކަމަށާ އަދި އެއީ ބާރުގަދަ ގައުމުތަކުގެ ލީޑަރުންނާ ދެކޮޅަށް ކަމެއްކުރަން ނުކެރޭ މުއައްސަސާއެއް ކަމަށް ސިފަކުރައްވައި އެ ކޯޓުން ފިލިޕީންސް ވަކިވުމާމެދު ވިސްނަމުންދާކަމަށް ވިދާޅުވެފައެވެ.
ޕޫޓިން އާއި ޑުޓާޓޭގެ ބައްދަލުކުރެއްވުމުގައި ޕޫޓިންވެސް ވަނީ އެމެރިކާއަކީ ދުނިޔޭގައި ހިނގާ ކޮންމެ ހަނގުރާމައެއްގެ ފަހަތުގައިވާ ގައުމެއްކަމަށް ސިފަކުރައްވާފައެވެ. ރަޝިޔާއަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުގެ ދިފާއުގައި އަސްކަރީގޮތުން ހަރަކާތްތެރިވަމުންދާ ގައުމަކަށްވާއިރު ސޫރިޔާގެ ހަލަބްގައި އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގާކަމުގެ ތުހުމަތު ރަޝިޔާގެ މައްޗަށް ވެސް ކުރެވިފައިވެއެވެ. ޕޫޓިންއާއި ޑުޓާޓޭ ވަނީ އެމެރިކާގެ ރައީސުލް މުންތަޚަބު ޑޮނަލްޑް ޓްރަމްޕަށް ވަކިވަކިން މަރްޙަބާ ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)