މީގެކުރިން އެތައް ހާސް ރުފިޔާއެއް ހަރަދުކޮށް އަވަށްޓެރި ގައުމުތަކާ އެހެނިހެން ގައުމުތަކަށް ބޭސްފަރުވާއަށްދާ ދިވެހިންގެ އަދަދު ރިކޯޑް އަދަދަކުން ގިނައެވެ. އެކަމުގެ މައިގަނޑު އެއް ސަބަބަކީ ރާއްޖޭން ބައެއް ހިދުމަތްތައް ލިބެން ނެތުމާއި ބައެއް ހިދުމަތްތަކުގެ އަގު ވެސް އަތްނުފޯރާ ފަށަށް އަގުބޮޑުވުމެވެ.

ރާއްޖޭގެ ބޮޑު ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކަކާ ކާމިޔާބީތަކެއް ހޯދަމުންނެވެ. ރާއްޖޭން މީގެ ކުރިން ލިބެން ނެތް އެތައް އާ ހިދުމަތްތަކެއް އާސަންދައިގެ ދަށުން ތައާރަފްކޮށް ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދާ ދިވެހިންގެ އަދަދު މި ދަނީ މަދުވަމުންނެވެ.

މީގެ ކުރިއަށް ބަލާނަމަ ހިތުގެ އެންޖިއޮގުރާމް އެއް ހެދުމަށް ނުވަތަ ހިތުގެ ފަރުވާއަކަށް ދުވާލަކު ގާތްގަނޑަކަށް 15 ނުވަތަ 20 މީހުން އާސަންދައިގެ އެހީތެރިކަމުގައި ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.

އައިޖީއެމްއެޗްގައި އަލަށް ހުޅުވާ ހިދުމަތްދޭން ފެށި "ނެޝަނަލް ޔޫރޯރީނަލް އެންޑް ފާޓިލިޓީ" ސެންޓަރުގެ ހިދުމަތް ހޯދުމަށް ބައެއް ޕޭޝަންޓުން ވެއިޓިން ރޫމްގައި --- ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހު އައިޖީއެމްއެޗްގައި އަލަށް ގާއިމް ކުރި "ނެޝަނަލް ކާޑިއެކް ސެންޓަރު"ގެ ކެތްލެބުން އެންޖިއޯ ޕްލާސްޓީ އަދި އެންޖިއޯ ގްރަފީ ހަދަން މިވަނީ ފަށާފަ އެވެ. ދުނިޔޭގެ ފެންވަރުގެ ސެންޓަރެއްގެ ގޮތުގައި ހަދާ އެ ސެންޓަރުން ހިދުމަތްދެމުން ގެންދިޔައީ އާސަންދައިން ކަވަރުކުރާނެ ގޮތަށެވެ.

ކާޑިއެކް ކެތުލެބުގެ ބޭނުން ގިނަ ބަޔަކު ހިފާކަން ފާހަގަކޮށް އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިއަދު "ސަން" އަށް ވިދާޅުވީ، ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ކެތު ލެބުން މިހާތަނަށް 500 އަށްވުރެ ގިނަ މީހުން އެންގިއޮގްރާމް ހަދާފައިވާއިރު 200 އަށްވުރެ ގިނަ މީހުން އެންޖިއޯ ޕްލާސްޓީ ހަދާފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން އަނެއްކާވެސް މިވަނީ ބޮޑެތި ހިދުމަތްތަކެއް އެ ތަނުގައި ފަށާފައެވެ. އުފަންވަނިވި ސިއްހަތާއި ކިޑްނީ ބަލިތަކުގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ހާއްސަ ބަލިތަކަށް ފަރުވާދޭ ވަކި ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައި މިއަދު މިވަނީ ހިދުމަތް ދޭން ފަށާފައެވެ.

ރާއްޖޭން ބޭރުން ގިނަ ހިދުމަތްތަކެއް ހޯދަން ޖެހޭ އުފަންވަނިވި ސިއްހަތަށް ދިމާވާ މައްސަލަތަކާއި ކިޑްނީގެ ބަލިތަކުގެ އިތުރުން ކުޑަ ކަމުދާ ނިޒާމުގެ ބަލިތަކަށް އެ ހޮސްޕިޓަލުން މީގެ ކުރިން ވެސް ހިދުމަތް ދެމުންގެންދިޔައެވެ.

އައިޖީއެމްއެޗްގައި އަލަށް ހުޅުވާ ހިދުމަތްދޭން ފެށި "ނެޝަނަލް ޔޫރޯރީނަލް އެންޑް ފާޓިލިޓީ" ސެންޓަރުގައި ޑޮކްޓަރަކު ޕޭޝަންޓަކަށް ހިދުމަތްދެނީ --- ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް އޭރު ދެމުންގެންދިޔައީ ހަމައެކަނި ޑޮކްޓަރަށް ދެއްކުމުގެ ހިދުމަތް އެކަންޏެވެ. އެކަމާ ގުޅިގެން ދޭންޖެހޭ ފަރުވާތައް ދެމުންގެން ދިޔައީ މަދުންނެވެ. ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ފަރުވާދޭން ފަށާފައި މި ވަނީ ވެސް އެ ހިދުމަތް މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކަކަށްފަހުއެވެ.

އައިޖީއެމްއެޗްގައި މިއަދު ހިދުމަތް ދޭންފެށި "ނެޝަނަލް ޔޫރޯރީނަލް އެންޑް ފާޓިލިޓީ" ސެންޓަރެއް ގާއިމް ކުރަން އިންޑިއާގެ މަޝްހޫރު އެންޔޫ ހޮސްޕިޓަލާ ގުޅިގެންނެވެ. އަދި އެ ސެންޓަރުގައި އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ސުޕާ ޝްޕެޝަލިސްޓުން ފަރުވާދޭނެ އެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޔުނިޓުގެ ޑިރެކްޓަރު މައުސޫމް ވިދާޅުވީ، ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ފަރުވާ ދޭން ފެށުމުން ގިނަ ބަޔަކު އެ ހިދުމަތައް އެދި ނަންނޯޓު ކޮށްފައިވާ ކަމަށެވެ.

އެގޮތުން، ދެ ޝިފްޓަކަށް ބަހާލައިގެން އެ ސެންޓަރުގައި ޑޮކްޓަރުން ބައްލަވަމުން ގެންދަވާއިރު އަންނަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހާ ހަމައަށް ހުޅުވާލި އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތުގައި 300 އަށްވުރެ ގިނަ މީހުން ނަން ނޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގައި އަލަށް ހުޅުވާ ހިދުމަތްދޭން ފެށި "ނެޝަނަލް ޔޫރޯރީނަލް އެންޑް ފާޓިލިޓީ" ސެންޓަރު ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ހުޅުވި ސެންޓަރުގައި ކިޑްނީގެ ބަލިތަކަށް ބޮޑެތި ފަރުވާތަކެއް ދިނުމަށް ވެސް ކުރިއަށްދަނީ ރާވަމުންނެވެ. އެގޮތުން ކުރިން ވެސް އައިޖީއެމްއެޗްގައި ކިޑްނީގެ ބަލިތަކަށް ފަރުވާ ދެއްވަމުން ގެންދަވާ ސުޕަ ސްޕެޝަލިސްޓް ޑރ. އިބްރާހިމް ޝިހާމްގެ އިތުރުން އިންޑިއާގެ އެންޔޫ ހޮސްޕިޓަލުގެ ޑޮކްޓަރުން މަސައްކަތްކުރައްވާނެ އެވެ.

މީގެ އިތުރުން، އެ ސެންޓަރު އިތުރަށް ތަރައްގީ ކޮށް އެތަނުގައި ކިޑްނީގައި އުފެދޭ ހިލަ ގޮއްވުމާއި ކިޑްނީ ޓްރާންސްޕްލާންޓްގެ އޮޕަރޭޝަން ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ނަމަވެސް އެކަމަކީ ބޮޑު އޮޕަރޭޝަނަކަށް ވެފައި ގިނަ ވަސީލަތްތަކާ ތައްޔާރީތަކެއް އެކަމަށް ބޭނުންވާތީވެ އެ ހިދުމަތް ފެށޭނެ ދުވަހެއް ވިދާޅުވާން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ހިދުމަތްތައް ތަރައްގީކޮށް ފުޅާކުރަމުންދާއިރު، އެ ހޮސްޕިޓަލުގެ ދެކުނަށް އޮންނަ ބިމުގައި އަޅާ އެ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތާއެކު ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ސިންގަޕޫރުގެ ޝެންހުއާ ނަމަކަށް ކިޔާ ކުންފުންޏަކަށް 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ) އަށް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ހަވާލުކުރި އެ މަސައްކަތް ނިންމަން އެއްބަސްވެފައިވަނީ ތިން އަހަރުގެ ތެރޭގައެވެ.

އައިޖީއެމްއެޗްގެ 25 ބުރީގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަންސަވީސް ބުރީގެ އެ އިމާރާތުގެ ހަ ފަންގިފިލާ ހާއްސަ ކުރެވޭނީ ނޭޝަނަލް ޑައިގްނޯސްޓިކް ފެސިލިޓީއަށް ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ޑޮކްޓަރަށް ދެއްކުމާއި އެކަމާ ގުޅިގެން ކުރަން ޖެހޭ ހުރިހާ ތަޙުލީލުތަކެއް ވެސް އެ އިމާރާތަށް ބަދަލު ކުރެވިގެން ދާނެ ކަމަށް އައިޖީއެމްއެޗް އިން ވަނީ ކުރިން ބުނެފަ އެވެ.

ހަމައެއާ އެކު އެ އިމާރާތުގައި ޗައިލްޑް ކެއާ ސެންޓަރަކާއި ޖިމާއި ރިހެބިލިޓޭޝަން ސުއިޓެއް ވެސް ހިމެނެ އެވެ. އެ އިމާރާތުގެ ފަސް ފަންގިފިލާއެއް ހާއްސަކޮށްފައި ވަނީ ހޮސްޕިޓަލުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްރައިވެޓް އެކަމޮޑޭޝަން ހަމަޖެއްސުމަށް އައިޖީއެމްއެޗުން ބުނެ އެވެ.