އަންނަ ޖެނުއަރީ 14 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ދެ މަހަށް ފަސްކުރަން ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެ މައްސަލަ ހުށަހެޅީ އެއްވެސް ގާނޫނެއްގެ ދަށަކުން ނޫނެވެ. ކައުންސިލް އިންތިޚާބު ބޭއްވުމަށް މިހާރު ކަނޑައަޅާފައިވާ ތާރީޚުގެ އިތުރުން ދެ މަސް ދުވަހުގެ ފަހުގެ ތާރީޚެއްގައި އިންތިޚާބު ބޭއްވުމަށް އަމުރުކޮށް ދިނުމަށް އެދިފައި ވަނީ ހާލަތުއް ޒަރޫރާގެ މަބްދަޢުއަށް ރިއާޔަތްކޮށެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ މެންދުރު ފަހު 3:00 އަށް ސިވިލް ކޯޓުގައި ވަނީ އެޖެންޑާކޮށްފަ އެވެ.

އެ ދައުވާގައި ބުނެފައި ވަނީ ޕީޕީއެމް އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމުގައިވާ އިރު، ޕާޓީ ހިންގުމުގައި ދިމާވި އުނދަގޫތަކެއްގެ ސަބަބުން މިހާރު އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ މުއްދަތަށް ތައްޔާރުވުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.

ޕާޓީގެ ޑޭޓާބޭސް އާއި ޕާޓީގެ އާންމު މެމްބަރުންގެ ދަފްތަރާއި އެހެނިހެން މުހިންމު ލިޔެކިޔުންތައް ނެތް ކަމަށާއި މިހާރު ކަނޑައަޅާފައިވާ ތާރީޚުގައި އިންތިޚާބު ބާއްވައިފި ނަމަ ޕީޕީއެމް އަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކާ ކުރިމަތިލާންޖެހިދާނެ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވާނީ އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. އެ މުއްދަތުގެ ކުރިން އިންތިޚާބު ބާއްވައި ކައުންސިލަރުން ހުވާކުރުމަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނު ލާޒިމް ކުރާ ކަމެކެވެ.