ގެއިން ބޭރުގައި އުޅޭއިރު ކަޅުކުލައިގެ ބޮޑުބުރުގާ އަޅައިގެން އުޅުނު ނަމަވެސް ޔޫރަޕްގެ ޤައުމުތަކުގެ އަންހެނުންނަށްވުރެ ސަޢޫދީ އަރަބިޔާގެ އަންހެނުން ފެޝަނަށާއި އާ ހެދުން ގަތުމަށް ކުރާ ޚަރަދު މާބޮޑު ކަމަށް ސަޢޫދީ ނޫހެއް ކަމަށްވާ "އަލްޙަޔާތް" ބުނެފި އެވެ.

އަންހެނުންގެ ޒަމާނީ ހެދުންތަކާއި ފެޝަންތަކުގެ މަޢުރަޒުތައް ސަޢޫދީ ބޭއްވުމުގެ އިންތިޒާމްތައްކުރުމުގައި ޙަރަކާތްތެރިވާ ސަޢޫދީ އަމިއްލަ ޖަމްޢިއްޔާއެއްގެ އޮގަނައިޒިން ކޮމިޓީގެ ރައީސާ ޒައިނަބުލް ޤަޙްތާނީ އާ ޙަވާލާދީ އަލްޙަޔާތު ނޫސް ބުނިގޮތުގައި މުޅި ދުނިޔެއަށް ބަލާއިރު ވެސް ހެދުމަށާއި ފެޝަނަަށް ފަރުދީ ފެންވަރެއްގައި އެންމެ ބޮޑަށް ޚަރަދުކުރާ އެއް ޤައުމަކީ ސަޢޫދީ އަރަބިޔާއެވެ.

ހެދުމުގެ އިތުރުން ރީތިވުމަށާއި ކޮސްމެޓިކްސް ފަދަތަކެއްޗަށް ސަޢުދީ އަންހެނުންކުރާ ޚަރަދު ވެސް ޔޫރަޕްގެ ޤައުމުތަކުގެ އަންހެނުން މިކަންކަމަށް ކުރާ ޚަރަދަށްވުރެ މާ މަތީގައި އުޅޭކަމަށް އޭނާ ވިދާޅުވި އެވެ.
ބައިނަލްއަޤްވާމީ ކޮންސަލްޓެންސީ އާ ބެހޭ ޔޫރަޕްގެ ކުންފުންޏެއް ކަމަށްވާ "ޔޫރޯ މޮނިޓާ" އިން ކުރި ދިރާސާއަކުން ހާމަވާގޮތުން ވެސް ހެދުމަށާއި ފެޝަނަށް ސަޢޫދީ ރައްޔިތުން ކުރާ ޚަރަދު އެހެން ޤައުމުތަކުގެ ރައްޔިތުން މިކަމަށް ކުރާ ޚަރަދަށްވުރެ މާ ބޮޑެވެ.

"ޔޫރޯ މޮނިޓާ" ގެ ދިރާސާއާ ޙަވާލާދީ ޒައިނަބުލް ޤަޙްތާނީ ވިދާޅުވިގޮތުގައި ހެދުމަށާއި ފައިވާނަށާއި ބޫޓަށް ސަޢޫދީ ރައްޔިތުން އެމީހުންނަށް ލިބޭ މަހު މުސާރައިގެ 10 ޕަސެންޓް ޚަރަދުކުރާއިރު އެމެރިކާގެ ރައްޔިތުން މިކަމަށް ޚަރަދުކުރަނީ އެމީހުންގެ މުސާރައިގެ އެންމެ ހަތަރު ޕަސެންޓެވެ. ފަރަންސޭސި ރައްޔިތުން ޚަރަދުކުރަނީ މުސާރައިގެ 4.5 ޕަސެންޓެވެ. އިނގިރޭސިވިލާތުގެ ރައްޔިތުން ޚަރަދުކުރަނީ އެމީހުންގެ މުސާރައިގެ ހަ ޕަސެންޓެވެ.

ސަޢޫދީ އަރަބިޔާގެ އިތުރުން ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފުގެ އެހެން ޢަރަބި ޤައުމުތަކުގެ ރައްޔިތުންގެ މިފަދަ ޚަރަދުތައްވެސް ވަރަށް ބޮޑެވެ. ފެޝަނަށާއި ހެދުމަށް ސަޢޫދީ އަރަބިޔާއާއި ގަލްފުގެ މުއްސަނދި ޢަރަބި ޤައުމުތަކުގެ ރައްޔިތުން އަހަރެއްގެ މައްޗަށް 12 ހާސް މިލިޔަން އެމެރިކާ ޑޮލަރު (12 ބިލޔަން އެމެރިކާ ޑޮލަރު) ޚަރަދު ކުރާކަން ދިރާސާތަކުން ހާމަވާ ކަމަށްވެސް ޒައިނަބު ވިދާޅުވިއެވެ. -- އަލްޙަޔާތު، އަލްޢާލަމް / ޖަވާދު