ބޭންކުތަކުން ޑޮލަރު ދޫކުރުން ހުއްޓާލައި، މަރުކަޒީ ބޭންކް އެމްއެމްއޭއިން ޑޮލަރު ދޫކުރަން ފަށާފައިވާއިރު، ޑޮލަރު ނެގުމަށް ފައިސާ ދެއްކުމުގައި ޑެބިޓް ކާޑުން ފައިސާ ބަލައިގަންނަ ގޮތަށް ހަމަޖައްސާފައިވާކަމަށް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭގެ ހެޑް އޮފް ކްރެޑިޓް ގެރެންޓީ ޑިޕާޓްމެންޓު، އިބްރާހިމް ނާސިރު "ސަން"އަށް ވިދާޅުވީ، އެމްއެމްއޭއިން ހަމަޖައްސާފައިވާ އިންތިޒާމުތަކަކީ ފަސޭހަ އިންތިޒާމުތަކެއް ކަމަށެވެ. އެގޮތުން ހެނދުނު 09:00 އިން ފެށިގެން ހަވީރު 06:00 އާ ހަމައަށް ޑޮލަރު ގަންނަން އަންނަ ފަރާތްތަކުގެ ޕާސްޕޯޓާއި ޓިކެޓް ވެރިފައި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖައްސާފައިވާއިރު، ހަވީރު 16:00 އިން ރޭގަނޑު 20:00 އާ ހަމައަށް ވެރިފައިކުރާ ޓިކެޓްތަކަށް ޑޮލަރު ދޫކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

މީގެ އިތުރުން، 65 އަހަރުން މަތީގެ ބޭފުޅުންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިސްކަންދީގެން ޚިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮންމެ ޓިކެޓަކަށް 500 ޑޮލަރު ވިއްކުމަށް ނިންމާފައިވާއިރު ޑޮލަރު ވިއްކުމަށް ނިންމާފައިވަނީ ފުރާ ދުވަހުގެ ހަތް ދުވަސް ކުރިންނެވެ. އަދި އަތޮޅުތެރޭ ބެންކްތަކުން ވިއްކާ ޑޮލަރު ހަމަ ކުރިއެކޭވެސް އެއްގޮތަށް ވިއްކާނެކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ނާސިރު ވިދާޅުވީ، ޑޮލަރު ހޯދުމަށް ދާ ފަރާތްތަކުން ސީދާ "ކޭޝް"ކޮށް ފައިސާ ދެއްކުމުގެ ބަދަލުގައި ޑެބިޓް ކާޑު މެދުވެރިކޮށްވެސް ޑޮލަރަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ފަސޭހަކަމާ އެކު އަވަހަށް ޚިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.