20 Nov 2016, 14:23
ރައްޔިތުންގެ މަޖިލީހުގެ ސިސްޓަމްތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދުގެ ޖަލްސާ ވޯޓަށް ނާހައި ނިންމާލައިފިއެވެ.
މަޖިލިސް ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ، ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަ އަވަސް ފުރުސަތެއްގައި ހައްލުވާނެ ކަމަށް ނުބެލެވޭތީ މިއަދުގެ ޖަލްސާ ނިމުނީ ކަމަށެވެ.
މިއަދުގެ ޖަލްސާ ނިންމަވާލެއްވި އިރު، ޖިނާއީ އިޖުރާއަތްތަކާ ބެހޭ ބިލަށް އަމަލުކުރުން އިތުރު ހަ މަސް ދުވަހަށް ލަސްކުރުމަށް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ފާސްކޮށް އެކަމާ މެދު ގޮތެއް ނިންމުމަށް ވޯޓު ނެގުމަށް އޮތީ ހަމަޖެހިފައެވެ. އަދި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ދިރާސާ ކުރުމަށްފަހު އިޖްތިމާއީ، ކަންކަމާ ބެހޭ ކޮމިޓީން ފާސްކޮށް، އެ އިސްލާހު ފާސްކުރުމަށް ވޯޓަށް އެހުމަށް ވެސް އޮތީ ހަމަޖެހިފައެވެ.
ޖިނާއީ އިޖުރާއަތްތަކާ ބެހޭ ގާނޫނަށް އަމަލުކުރުން ލަސްކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، އެ ގާނޫނު ފާސްކޮށް، އަމަލު ކުރުން ލަސްކޮށްފައިވާތީ ރާއްޖޭގައި ޖިނާއީ އަދުލުގެ ނިޒާމު ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން ހިނގާފައި ހުރި ބައެއް ކަންކަމަށް އަލިއަޅުއްވައި އޭނާ ވަނީ ވާހަކަ ދައްކަވާފައެވެ.
މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ދެން ޖަލްސާއެއް އޮންނާނީ މާދަމާ ކަމަށެވެ.