އެފްއޭއެމްގެ ރައީސްގެ މަގާމު ކާމިޔާބުކުރެއްވުމަށް ފަހު، ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންގޮސްދިނުމަށް، ބައްސާމް އަދީލް ޖަލީލް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފިއެވެ.

ސްޓެލްކޯ ސެމިނާ ރޫމްގައި މިއަދު ހެނދުނު ބޭއްވި އެފްއޭއެމްގެ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ބައްސާމް ވިދާޅުވީ، އެ މަގާމުތަކަށް އެ ބޭފުޅުން ކުރިމަތިލެއްވީ ކްލަބްތަކާއި މަޝްވަރާކުރެވި އެފަރާތްކަށް ވަރަށް ގިނަގުނަ ކަންތައްތަކެއް ކޮށްދިނުމުގެ ނިޔަތުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު ވާޖިބަކަށް ވެގެންދަނީ ކްލަބްތަށް އަމިއްލަ ފައިމައްޗަށް ތެދުވެ ހަރުދަނާ ބައެއްގެ ގޮތުގައި ކުރިއައްދިއުން. އެގޮތުން ފުރަތަމަ ޑިވިޝަނުގެ ކޮންމެ ޓީމަކަށް ތިން މިލިއަން ރުފިޔާ ދެވަނަ ޑިވިޝަނުގެ ކޮންމެ ޓީމަކަށް ފަސް ލައްކަ ރުފިޔާ އަދި ތިން ވަނަ ޑިވިޝަނުގެ ގަދަ ފަސް ޓީމަށް އެއްލައްކަ ރުފިޔާ ދެވިގެން ދާނެ،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމު ވިދާޅުވީ، ކްލަބްތަކަށް ބޮޑެތު އަދަދުތަކެއްގެ ފައިސާގެ އެހީތެރިކަމެއް ދިނުމަށް ނިންމާފައިވާއިރު އެފައިސާ ހޯދާނެ ގޮތްތަކެއް ވެސް ވަނީ ހޯދާފައި ކަމަށާއި މީގެ ކުރިން ނޯމަލައިޒޭޝަން ކޮމެޓީގައި އޭނާ ހުންނެވިއިރު ވެސް ވަނީ ކްލަބްތަކަށް 1.5 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރިކޮށްދީފައި ކަމަށެވެ.

ބައްސާމް ވިދާޅުވީ، ފުޓްބޯޅަ ތަރައްގީ ކުރުމަށް ވަރަށް ގިނަ ދިމާތަކަށް ނަޒަރު ގެންދަން ޖެހޭ ކަމަށާއި އޭގެ ތެރޭގައި ގްރާސް ރޫޓް ވަރުގަދަ ކުރުމަށްޓަކައި އެފްއޭއެމް އިން އިސްނަގައިގެން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ނޭޝަން ވައިޑް ގްރާސްރޫޓް ޕްރޮގްރާމްތަށް ހިންގަން ޖެހޭ ކަމަށެވެ.

ހިންގާ ގަވާއިދުގެ ދަށުން ރާއްޖޭގެ ތިން ސަރަހައްދު ކަމަށްވާ އުތުރާއި ދެކުނު އަދި މެދު ރާއްޖޭގައި އެފްއޭއެމްގެ އޮފީސްތަކެއް ހުޅުމުވުގެ ބާރު ލިބޭ ކަމަށާއި އެގޮތުން ހަތަރު އަހަރުގެ މުއްދަތުގެ ތެރޭގައި އެ އޮފީސްތަށް ހުޅުވި ގްރާސް ރޫޓް ޕްރޮގްރާމްތަކާއި އަތޮޅު މުބާރާތްތަށް ވެސް އިތުރު ފުރިހަމަ ކަމާއި އެކު ކުރިއަށް ގެންދަން ފަށާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގައުމީ ޓީމަށް ބަލައިލި ކަމުގަވަނީ ނަމަ ފެނިގެންދޭ އަތޮޅު ތެރޭގެ ވަރަށް ގިނަ ކުޅުންތެރިންތަކެއް ކުޅެމުންދާތަން. އޭގެ މާނައަކީ އަތޮޅުތެރޭގައޭ މިއޮތީ ބޮޑަށް ފުޓްބޯޅައިގެ ހުނަރު. އެހެންވީވާމަ އަޅުގަނޑުމެން އެބަޖެހޭ އަތޮޅުތެރެ ވަރަށް ބޮޑަށް ޑެވެލޮޕް ކުރަން،" ބައްސާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަތޮޅުތެރޭގައި ފުޓްބޯޅަ ތަރައްގީ ކުރުމަށް ރަނގަޅު ފެންވަރުގެ ދަނޑުތަކެއް އަޅަން ޖެހޭ ކަމަށާއި ފެންވަރު ރަނގަޅު ކޯޗުން ވެސް އަތޮޅުތެރެއަށް ފޮނުވަން ޖެހޭ ކަމަށެވެ.

"ކޮންމެ އަހަރަކު އަޅުގަނޑުމެން އަތޮޅުތެރޭގެ ޓީމްތަށް ނުވަތަ ދަނޑުތަށް ތަރައްގީ ކުރުމަށް 15 މިލިއަން ރުފިޔާ ހަރަދު ކުރާނަން. އޭގެ ތެރޭގައި ހިމެނޭނެ ދަނޑު ތަކުގެ ލައިޓްތަކާއި ކުދިކުދި އޮފީސްކޮޅު ހެދުމަށް ވެސް،" ބައްސާމް ވިދާޅުވިއެވެ.

ބައްސާމ ވިދާޅުވީ، ހުރިހާ އިރެއްގައި ވެސް ރެފްރީންނާ ގުޅޭ ގޮތުން ވަރަށް ގިނަ ޝަކުވާތަކެއް އަންނަ ކަމަށާއި އެބޭފުޅުންގެ ވިސްނުންހުރީ އެފްއޭއެމްގެ ރެފްރީޒް ޑިޕާޓްމެންޓް ހިންގަން ބޭރުގެ ރެފްރީޒް ޑައިރެކްޓަރެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ދިއުމަށް ކަމަށެވެ.

ފުޓްބޯޅަ ކުރިއެރުވުމަށް ގިނަ ވައުދުތަކެއް ބާއްސާމްވެޑައިގެންފައިވާއިރު އޭނާ ވިދާޅުވީ، އެ ވައުދުތަކަކީ ހުސް ވާހަކަ ތަކަށް ވެގެން ނުދާނެ ކަމަށާއި ކޮންމެ ވައުދެއްވެސް ވެފައިވާނީ އެވައުދެއް ފުއްދޭނެ މަގެއް ހޯދާފައިކަމެވެ.