ވޮޝިންޓަން(ނޮވެމްބަރު 20): އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ކެމްޕެއިން ތެރޭގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވި މިޓް ރޮމްނީ، ޓްރަމްޕް ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ މަގާމަށް އައްޔަން ކުރަން އުޅޭ ކަމުގެ ހަބަރުތައް ފެތުރިއްޖެ އެވެ.

އެވާހަކަތައް ދެކެވެން ފަށާފައި ވަނީ ޓްރަމްޕްް އިއްޔެ ރޮމްނީއާ ބައްދަލު ކުރެއްވުމާ ގުޅިގެންނެވެ. އަށްޑިހަ މިނިޓުގެ އެ ބައްދަލުވުމުގައި ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގެ ތަފްސީލު ޓްރަމްޕް ވެސް ރޮމްނީ ވެސް ދެއްވާފައެއް ނުވެ އެވެ. އަދި ޓްރަމްޕްގެ ސަރުކާރުގެ މަގާމެއް ރޮމްނީއަށް ހުށަހަޅާފައިވޭތޯ ނޫސްވެރިން ކުރި ސުވާލަށް ރޮމްނީ ޖަވާބު ނުދެއްވަ އެވެ.

ރޮމްނީ ހަމައެކަނި ވިދާޅުވީ، އެބައްދަލުވުމުގައި އެމެރިކާ އަށް ފައިދާ ހުރި، މުހިއްމު ގިނަ ކަންތައްތަކާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަދެއްކެވި ކަމަށެވެ.

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި 2012 ވަނަ އަހަރު ވާދަކުރެއްވި ރޮމްނީ ވަނީ، މި އަހަރުގެ ރިޔާސީ ކެމްޕެއިން ތެރޭގައި ޓްރަމްޕަކީ ވެރިކަމަށް ކުފޫ ހަމަނުވާ މަކަރުވެރިއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ޓްރަމްޕް ވަނީ ރޮމްނީ އަކީ ފެއިލް ވެފައިވާ ކެނޑިޑޭޓެއް ކަަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމެރިކާގެ ދާހިލީ ކަންތައްތަކާއި ހާރިޖީ ސިޔާސަތާ ބެހޭ ގޮތުން ދެބޭފުޅުންގެ ހިޔާލު ތަފާތުވި ނަމަވެސް ޓްރަމްޕްގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ މަގާމަށް ރޮމްނީ އައްޔަން ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

އެގޮތުން ރޮމްނީ އައްޔަން ކުރުމަކީ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ތެރޭގައި ޕާޓީގެ އެސްޓާބްލިޝްމެންޓާއި ޓްރަމްޕުގެ ކެމްޕެއިނާ ދެމެދު ޖެހުނު މައްސަލަތައް ހައްލު ކުރަން އެޅޭނެ ފިޔަވަޅަކަށް ވާނެ އެވެ. އަދި ރޮމްނީ ވާނީ ޓްރަމްޕްގެ ތަޖުރިބާ މަދު ޓީމުގެ ނިންމުންތަކަށް މުހިއްމު ހިޔާލުތައް ގެނެސްދޭ ފަރާތަކަށް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

ރޮމްނީއާއި ޓްރަމްޕް ބައްދަލު ކުރައްވާ ހަބަރުވީ ރޮމްނީގެ އެޑްވައިޒަރުންނަށް ވެސް ފުރަތަމަ ސިހުން ގެނުވި ކަމަކަށެވެ. ނަމަވެސް ފަހުން އެފަރާތްތަކުން ވަނީ ރޮމްނީ "އަބަދުވެސް އިސް ކުރައްވަނީ ގައުމު ކަމުން" ޓްރަމްޕްގެ ސަރުކާރުގެ މަގާމެއް އޭނާ ގަބޫލު ކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފަ އެވެ.

ޓްރަމްޕް މިހާތަނަށް އެނާގެ ސަރުކާރަށް ހަމަޖައްސާފައިވާ ފަރާތްތަކުގެ ތެރޭގައި އެޓާނީ ޖެެނެރަލް ކަމަށް ޖެފް ސެޝަންސް އާއި ގައުމީ ސަލާމަތީ އެޑްވައިޒަރު ކަމަށް މައިކަލް ފްލިން ހިމެނެ އެވެ. ޖެފް ސެޝަންސް އަކީ ނަސްލީ ތަފާތުކޮށް ވާހަކަ ދެއްކުމުގެ ސަބަބުން ގިނަ ބަޔެއްގެ ނުރުހުން އަމާޒުވި ފަރާތެކެވެ. އަދި ފްލިން އަކީ އިސްލާމް ދީނާ ބެހޭ ގޮތުން ހަރުކަށި ހިޔާލުތައް ގެންގުޅޭ، "އިސްލާމީ ދުނިޔެ އަކީ ފެއިލްވެފައިވާ" ދުނިޔެއެއްގެ ގޮތުގައި ސިފަ ކުރާ ފަރާތެކެވެ. (ބީބީސީ)