20 Nov 2016, 13:16
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅޭ ގޮތުން އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ޝަރީއަތަށް ފޮނުވައިފި އެވެ.
އަލްހާން ސިވިލް ކޯޓުގައި ކުރި ދައުވާގައި ދެ ކަމަކަށް ވަނީ އެދިފަ އެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި އެދިފައި ވަނީ 2011 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު ފެށި އެމްޑީޕީގެ ރިޔާސީ ދައުރު މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އެދިފައި ވަނީ ޕާޓީގެ ރައީސާއި ނައިބު ރައީސަކު އިންތިޚާބު ކުރުމަށް ބާއްވާ އެތެރޭގެ އިންތިޚާބު "މިހިނދުން މިހިނދަށް ބޭއްވުމަށް" އަމުރުކޮށްދިނުމަށެވެ.
އެ މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ނުވަތަ ޝަރީއަތަށް ނުފޮނުވައި ސުލްހަވެރި ހައްލެއް ހޯދުމަށް ބޭއްވި ބައްދަލުވުންތަކުގައި އެމްޑީޕީން ވަނީ އަލްހާން ހުށަހެޅުއްވި ކަންކަތައްތަކަށް އެއްބަސްނުވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޑިސްޕިއުޓު ބައްދަލުވުމުގައި އެމްޑީޕީން ވަނީ އިޖުރާއީ ނުކުތާއެއް ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެންކަމުން ގާޒީ ވަނީ އެ މައްސަލަ ޝަރީއަތަށް ފޮނުވަން ނިންމިކަން އިއުލާން ކުރައްވައި އެދުވަހުގެ ބައްދަލުވުން ނިންމަވާލައްވައިފަ އެވެ.
އަލްހާން މިއަދު ސަން އަށް ވިދާޅުވީ އޭނާ އެ މައްސަލަ ހުށަހެޅުއްވީ އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ވަރަށް އަވަހަށް އެ މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.