ހައްޖާއި އުމްރާގެ އަޅުކަން ފަސޭހައިން އަދާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ފަށާފައިވާ "މުވައްޒަފުންގެ ސުކީމް"ގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބްރޯޑްކޮމް) ބައިވެރިވެއްޖެ އެވެ.

ބްރޯޑްކޮމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "މުވައްޒަފުންގެ ސުކީމް"ގައި ހައްޖު ކޯޕަރޭޝަންއާ އެކު ބްރޯޑްކޮމް އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދްރީސްއެވެ. ބްރޯޑްކޮމްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީމްއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހައްޖު ކޯޕަރޭޝަނުން ފެށި "މުވައްޒަފުންގެ ސުކީމް" އަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު ބްރޯޑްކޮމްއާ އެކު އެ ސުކީމުގައި ބައިވެރިވި ފަރާތްތަކުގެ އަދަދު 35 އަށްވުރެ މައްޗަށް ވަނީ އަރައިފަ އެވެ.

މުވައްޒަފުންގެ ސުކީމަކީ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން އެދިގެން ކޮންމެ މަހަކު އެ މުވައްޒަފެއްގެ މުސާރަ އިން، އެ މުވައްޒަފަކު ކަނޑައަޅާ ވަކި ވަރެއް ކަނޑައިގެން ހައްޖަށް ނުވަތަ އުމްރާއަށް ގެންގޮސްދިނުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ ސުކީމެކެވެ. އަދި ސްކީމުގައި މުވައްޒަފުންގެ އާއިލާގެ މެމްބަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.