20 Nov 2016, 12:59
ހަކަތަ އުފައްދާ ގައުމުތަކުގެ ޖަމިއްޔާ، އޯޕެކްގައި ނުހިމެނޭ، ތެޔޮ އުފައްދާ ގައުމުތަކުގެ އެއްބާރުލުމާ އެކު ދުނިޔޭގެ މާކެޓުގައި ތެލު އަގު އެއް ހަމައެއްގައި ހިފެހެއްޓިދާނެ ކަމަށް އީރާން އިން ބުނެފި އެވެ.
ައިރާނުގެ އޮއިލް މިނިސްޓަރު ބިޖާން ޒަންގަނޭހް އިއްޔެ ވިދާޅުވީ، އޯޕެކްގެ ދެން އޮންނަ ބައްދަލުވުމެއްގައި، ތެޔޮ ފީފާއެއްގެ އަގު 55 ޑޮލަރަށް ހެދުމަށް އެއްބަސްވެވިއްޖެ ނަމަ ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓިދާނެ ކަމަށެވެ. އަދި އެކަމަށް، އޯޕެކްގައި ނުހިމެނޭ ތެޔޮ އުފައްދާ އެހެން ގައުމުތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އެބަ ފެނޭ ފެހި ސިގްނަލްތަކެއް ތެލުގެ އަގު މަތި ކުރެވިދާނެ ކަމަށް. އަދި ދެން އޮންނަ އޯޕެކްގެ ބައްދަލުވުމުގައި ގައުމުތަކުގެ މެދުގައި އެއްބަސްވުމެއް އެކުލަވާލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،" ބިޖާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ބައްދަލުވުމުގައި، ތެޔޮ ފީފާއެއްގެ އަގު 50 ޑޮލަރަށް ވުރެ މައްޗަށް އެރުވުމަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދުނިޔޭގެ މާކެޓުގައި ތެލުގެ އަގު ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ އިރު، މިހާރު ވެސް މަޑު މަޑުން ތެލުގެ އަގު ދަނީ ބޮޑުވަމުންނެވެ. އެގޮތުން މިހަފްތާގެ ހުކުރު ދުވަހު ތެޔޮ ފީފާއެއްގެ އަގު އުޅުނީ 46.86 ޑޮލަރުގައި އެވެ. އެއީ ކުރިން ތެޔޮ ފީފާއެއް ވިއްކި އަގުގެ 37 ސެންޓު ބޮޑު އަދަދެކެވެ.
ތެލުގެ އަގު ދަށަށް ގޮސްފައިވުމާ ގުޅިގެން ތެޔޮ އުފައްދައި، އޭގެ ވިޔަފާރިއަށް ބަރޯސާވާ ބޮޑެތި ގައުމުތަކުގެ އިގްތިސާދަށް ދަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިވަމުންނެވެ. އެފަދަ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާއާއި އީރާން ފަދަ ގައުމުތައް ހިމެނެ އެވެ.