09 May 2010, 07:48
10:00
ނައިބު ރައީސްގެ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މުހަންމަދު ރަޝީދު މަގާމުން ވަކިކުރައްވައިފި އެވެ.
ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީން ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ދެ ވަޒީރުންގެ ތެރެއިން މުހައްމަދު ރަޝީދު މަގާމު ވަކިކުރެއްވީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އިކޮނަމިކް މިނިސްޓަރުގެ މަގާމުން މުހައްމަދު ރަޝީދު ވަކިކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މުހައްދު ނަޝީދު ފޮނުއްވި ސިޓީފުޅުގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަގާމުގައި ހުންނަވައިގެން މުޙަންމަދު ރަޝީދު ކޮށްދެއްވާފައިވާ ޚިދްމަތްތަކަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު އެކަމާ ގުޅިގެން ވިދާޅުވީ އިކޮނަމިކް މިނިސްޓަރގެ މަގާމުން ރަޝީދު ވަކިކުރެއްވީ ރައީސް ފެނިވަޑައިގެން ކަމަށާއި އެކަމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށެވެ. އަދި އިކޮނަމިކް މިނިސްޓަރުގެ މަގާމުން ރަޝީދު ވަކިކުރެއްވުމާ ބޮޑަށް ގުޅިފައިވަނީ އެ މިނިސްޓްރީގެ މަސައްކަތްތައް އެހެން އިންތިޒާމެއްގެ ދަށުން ކުރިއަށްދާ ދިއުން އިތުރަށް ހަލުވިކުރެއްވުމަށް ރައީސް ގެންގުޅުއްވާ ވިސްނުންފުޅުގެ އިތުރަށް އެމިނިސްޓްރީގެ ކަންތައްތައް ތަރުތީބުތަކެއް ގެންނަވަން ގަސްތުކުރައްވާ ކުރެއްވުން ކަމަށް ޒުހެއިރު ވިދާޅުވި އެވެ.
ޒުހެއިރު އިތުރަށް ވިދާޅުވީ އިކޮނަމިކް މިނިސްޓަރުގެ މަގާމަށް މިހާރުން މިހާރަށް ވެސް ބޭފުޅަކު ހަމަޖެއްސިދާނެ ކަމަށާއި ނަމަވެސް އެމަގާމުގައި ދެމިހުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮންނަން ޖެހޭތީ މަޖިލިސް ޗުއްޓީ ނިންމައިގެން ފައްޓަވަންވާއިރަށް ބޭފުޅަކު ހުރުން އެކަމުގައި އަހައްމިއްޔަތުކަން ބޮޑު ކަމަށެވެ. އެހެން ނަމަވެސް ވެވުނު އަވަސްމިނެއްގައި އެމަގާމަށް ބޭފުޅަކު ރައީސް އައްޔަންކުރައްވާނެ ކަމަށް ޒުހެއިރު ވިދާޅުވި އެވެ. އަދި މިވަގުތު އިކޮނަމިކް މިނިސްޓްރީގެ ކަންތައްތައް ބަލަހައްޓަވަމުން ގެންދަވަނީ ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.
އެމްޑީޕީއާއެކު އިއްތިހާދުވެފައިވާ ގައުމީ އިއްތިހާދުގެ މިނިސްޓަރަކު ކެބިނެޓުން ވަކިކުރެއްވުމާ ގުޅިގެން ގައުމީ އިއްތުހާދު ޕާޓީން ވަނީ އެކަމާ ހިތާމަކޮށް ކަންބޮޑުވާ ކަމަށް ބުނެފައެވެ. އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ތައުފީގު މިއަދު ވިދާޅުވީ މުހައްމަދު ރަޝީދަކީ އެމަނިކުފާނާ ހަވާލުކުރައްވާފައިވާ ޒިންމާ ވަރަށް ރަނގަޅަށް އަދާކުރައްވަމުން ގެންދެވި ބޭފުޅެއް ކަމަށާއި އެހެން ނަމަވެސް އޭނާ މަގާމުން ދުރުކުރެއްވި ސަބަބު އަދި އެ ޕާޓީ އަށް ވެސް ސާފުވެފައިނުވާ ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމަށް އައިސްފައި މިވަނީ އިއްތިހާދަކުން ކަމަށްވާތީ ވެރިކަން ކުރަންވާނީ ވެސް އިއްތިހާދުގެ ވެރިކަމަކުން ކަމަށް ތައުފީގު ވިދާޅުވި އެވެ.