ތިން ވަނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު މިއަދު އިންޑިއާއަށް ފުރާ ވަޑައިގެންފި އެވެ.

އަަންނަ އަންގާރަ ދުވަހު އިންޑިއާގެ ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ނައިބު ރައީސް އަބްދުﷲ ޖިހާދުގެ އެ ދަތުރުފުޅުގައި އިންޑިއާގެ ނައިބު ރައީސް އެމް ހާމިދު އަންސާރީއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމަށް ސަރުކާރުން ބާއްވަމުން އަންނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގެ ފުރަތަމަ ފޯރަމް ބޭއްވީ 2014 ވަނަ އަހަރު، ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސްގަ އެވެ. އަދި ދެ ވަނަ ފޯރަމް ބާއްވާފައި ވަނީ މިދިޔަ އަހަރު، ޗައިނާގެ ބެއިޖިންގްގަ އެވެ.

މިއަހަރުގެ އިންވެސްޓްމެންޓް ފޯރަމް ނިއުދިއްލީގެ ތާޖް ޕެލެސް ހޮޓެލްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އެ ފޯރަމަށް 14 ކުންފުންޏަކުން ވަނީ ތިން ގިންތިއެއްގެ ސްޕޮންސަޝިޕްދީފަ އެވެ.

އެގޮތުން، އެންމެ މަތީ ގިންތީގެ ސްޕޮންސަޝިޕް، ޕްލެޓިނަމް ސްޕޮންސަޝިޕް އެގްރިމެންޓް ނުވަ ކުންފުންޏަކުން ހަދާފައިވެ އެވެ. އެ ނުވަ ކުންފުންޏަކީ އެސްޓީއޯ، އެޗްޑީސީ، އުރީދޫ މޯލްޑިވްސް، ދިރާގު، ބީއެމްއެލް، އެމްއޭސީއެލް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން ކޮމްޕެނީ އަދި އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް އެވެ.

ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށްފައި ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑެވެ. އަދި ސިލްވާ ޕާޓްނަރުންގެ ގޮތުގައި ސޮއިކޮށްފައި ވަނީ އެލައިޑް އިންޝުއަރެންސް، އެމްޑަބްލިއުއެސްސީ އަދި އެމްޓީސީސީ އެވެ.