އިނގިރޭސިވިލާތުގެ މައި އެއާޕޯޓް ހީތުރޯގައި އިތުރު ރަންވޭ އެއް އަޅާތީ އެކަމާ ދެކޮޅަށް އަޑުއުފުލާ އެ ގައުމުގެ ސަރުކާރާ ދެކޮޅަށް އިއްޔެ ކުރި މުޒާހަރާއެއްގައި އިނގިރޭސިވިލާތަށް އަމިއްލަފުޅަށް އަރުވާލައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފި އެވެ.

އިނގިރޭސިވިލާތުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ހީތުރޯ އެއާޕޯޓުގައި ތިން ވަނަ ރަންވޭ އެޅުމާ ދެކޮޅަށް ލަންޑަން އެއާޕޯޓް ކައިރީގައި އޮންނަ އެމްފޯ ސްޕަ ރޯޑް ކައިރީގައި އެންވަޔަރަމަންޓަލް އެކްޓިވިސްޓުންގެ ގްރޫޕްތަކުން ކުރި މުޒާހަރާގައި ބައިވެރިވެވަޑައިގަތް ނަޝީދު ވަނީ ވާހަކަފުޅު ވެސް ދައްކަވާފަ އެވެ.

މުޒާހަރާގައި ވާހަކަފުޅުދައްކަވާނެ ކަމަށް ބުނެ މިދިޔަ ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު ވާހަކަފުޅުދައްކަވާނީ ލޯ ކާބަން ސްޓެރަޖީއެއްގެ މުހިއްމު ކަމުގެ މައްޗަށް ކަމަށެވެ.

ނަޝީދުގެ އިތުރުން އެ މުޒާހަރާގައި ހީތުރޯގައި އިތުރު ރަންވޭއެއް އެޅުމަށް ކެބިނެޓުން ނިންމުމާ ގުޅިގެން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަމުގެ މަގާމުން އިސްތިއުފާދެއްވި ޒެކް ގޯލްޑްސްމިތް އާއި އިމްޕުރެޝަނިސްޓް އެލިސްޓެއާ މެކްގޮވަން ވެސް ބައިވެރިވެވަޑައިގަތެވެ.

ހީތުރޯ އެއާޕޯޓް ބޮޑުކޮށް ތިންވަނަ ރަންވޭއެއް އެޅުމާ ދެކޮޅަށް އަޑުއުފުލާ މުޒާހަރާގައި ބައިވެރިވި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ --- ފޮޓޯ/ ރޮއިޓާސް

އިއްޔެ ކުރި މުޒާހަރާގައި އެއާޕޯޓް ރަންވޭ ކައިރީގައި އޮންނަ މަގުތައް ބަންދުކޮށް އަމަން ނަގާލަން އުޅުމުގެ ތުހުމަތުގައި 15 މީހުން ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ތެރޭގައި ނަޝީދު ހިމެނިވަޑައެއްނުގަންނަވަ އެވެ.

ވިލާތުގެ އެންމެ ކާރުބާރު ބޮޑު އެއާޕޯޓު ކަމުގައިވާ، އިނގިރޭސި ވިލާތުގެ ލަންޑަނުގެ ހީތުރޯ އެއާޕޯޓުގައި ތިން ވަނަ ރަންވޭއެއް އެޅުމަށް އިނގިރޭސި ވިލާތުގެ ކެބިނެޓުން ނިންމީ މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ އިރު ފާޑު ކިޔާ ފަރާތްތަކުން ކަންބޮޑުވުމަކީ، ހީތުރޯގެ އޮޕަރޭޝަންތަކާއި ޓުރެފިކް ބޮޑުވެ، ލަންޑަނުގެ ވައި ތަޣައްޔަރުވެ، އެފަދަ މައްސަލަތަކާ ކުރިމަތިލުމެވެ.

އިނގިރޭސިވިލާތުގެ ހިމާޔަތް ނަޝީދު ހޯއްދަވާފައި ވަނީ ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލާފައިވަނިކޮށް ބޭސް ފަރުވާއަކަށް އެގައުމަށް ވަޑައިގެންނެވުމަށް ފަހު މި އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ. އަދި ނަޝީދަށް އިނގިރޭސިވިލާތުން ދީފައިވަނީ "ޕޮލިޓިކަލް ރެފިއުޖީ ސްޓޭޓަސް"ގެ ހިމާޔަތެކެވެ.