20 Nov 2016, 17:39
ރާއްޖޭގައި ސިއްހީ ދާއިރާއިން ބާއްވާ ފުރަތަމަ ފެއާ ފެށުމަށް ވަގުތު ކުޑަތަން ވެފައި ވާއިރު، އެ އެކްސްޕޯ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ސިއްހީ ދާއިރާއާ ގުޅޭ އެކި އެކި ފަރާތްތަށް ބައިވެރިވާއިރު، އެ ފަރާތްތަކުން ވަނީ އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް އަގުހުރި އިނާމު ދިނުމަށް ނިންމާފަ އެވެ.
އެގޮތުން މެޑިކަލް އެންޑް ހެލްތު އެކްސްޕޯގެ މެއިން ސްޕޮންސާ ކަމަށްވާ އޭޑީކޭ އިން ގުރުއަތުން ހޮވޭ ފަރާތަކަށް ހިލޭ މެޑިކަލް ޕެކޭޖެއް ދޭ ގޮތަށް ހަމަޖައްސާފައިވާއިރު އޭޑީކޭއިން ސްޕެޝަލިސްޓް އަދި ސުޕާ ސްޕެޝަލިސްޓުންނަށް ދެއްކުމުގެ ފުރުސަތު އެ އެކްސްޕޯގެ ތެރެއިން ލިބިގެންދާނެ އެވެ. އޭގެ އިތުރުން ހިލޭ އަލްޓްރާ ސައުންޑް ސްކޭން ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ. އަދި ފަސޭހަ ކަމާއެކު އެޕޮއިންޓްމެންޓް ހެދުމުގެ ހިދުމަތް ވެސް އޭޑީކޭގެ ސްޓޯލުން ލިބިގެންދާނެ އެވެ.
އާއްމުންނަށް ހިލޭ ވަނުމުގެ ފުރުސަތު އޮންނަ އެ އެކްސްޕޯއިން އިންޑިއާގެ ޗެންނާއީއަށް ދިއުމަށް ދެކޮޅު ޓިކެޓު ހޯދުމުގެ ފުރުސަތުވެސް އެބަ އޮތެވެ. އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ނެގޭ ގުރުއަތަކުން ހޮވޭ ފަރާތަކަށް މޯލްޑިވިއަން އިން ޓިކެޓު ދިނުމަށް ވަނީ ނިންމާފަ އެވެ.
އެވަރުން ވެސް އަދި ނިމުނީކީ ނޫނެވެ. މެޑިކަލް އެންޑް ހެލްތު އެކްސްޕޯ އަށް ޒިޔާރަތް ކުރައްވައިގެން އައިޕެޑެއް ހޯދުމުގެ ފުރުސަތުވެސް އެބަ އޮތެވެ. އެ އެކްސްޕޯ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ދާއިރު، ކޮންމެ ދުވަހަކުވެސް ނަސީބުވެރި ފަރާތަކަށް އެ އިނާމު ލިބިގެންދާނެ އެވެ.
ރާއްޖޭގައި މުޅިން އަލަށް ބާއްވާ ސިއްހީ ދާއިރާގެ އެކްޕޯއިން އެކި އެކި ދާއިރާތަކަށް ހާއްސަ ސްޕެޝަލިސްޓު ޑޮކްޓަރުންނާ ބައްދަލުކޮށް، އެ ޑޮކްޓަރުންގެ އޮޕީނިއަން ހޯދައި، މެޑިކަލް ރިޕޯޓުތައް ދައްކައި ބައްޔާ ގުޅޭ މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
އެ އެކްސްޕޯ އިންތިޒާމު ކުރާ އެމްވީ މެޑިކަލްސްއިން މައުލޫމާތު ދޭ ގޮތުގައި، މެޑިކަލް އެންޑް ހެލްތު އެކްސްޕޯގައި، އެކި ދާއިރާތަކަށް ޚާއްސަ ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ބައްދަލުކޮށް، އެ ޑޮކްޓަރުންގެ އޮޕީނިއަން ހޯދައި، މެޑިކަލް ރިޕޯޓުތައް ދައްކައި ބައްޔާ ގުޅޭ މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
ހަމައެހެންމެ ރާއްޖެއިން ބޭރުން ސިއްހީ ޚިދުމަތް ހޯދުމަށް ހުރި ފުރުސަތުތަކާއި، ރާއްޖޭގައި ވިއްކާ މެޑިކަލް އިކުއިޕްމެންޓާއި ވަކިވަކި އިންޑަސްޓްރީތަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މެޑިކަލް އިކުއިޕްމެންޓުތަކުގެ މައުލޫމާތުގެ އިތުރުން، ސިއްހަތާއި ސިއްހީ ދާއިރާއާ ގުޅުން ހުރި މައުލޫމާތުތައްވެސް ސްޓޯލްތަކުން ލިބެން ހުންނާނެއެވެ.
އެމްވީ މެޑިކަލްސް އާއި މެޑްލައިފް އޭޝިއާ ގުޅިގެން ނޭޝަނަލް އާޓް ގެލަރީގައި ބާއްވާ އެ އެކްސްޕޯގައި އިންޑިއާގެ ހަ ފަރާތަކުން ބައިވެރިވެ އެވެ. އެ ފަރާތްްތަކަކީ ގްލޯބަލް ހޮސްޕިޓަލްސް، މަނިޕާލް ހޮސްޕިޓަލް، ޕްރަސާންތު ފާޓިލިޓީ ރިސާޗް ސެންޓަރ، ޗައިތަންޔާ އައި ހޮސްޕިޓަލް، ކޮލިޓޭޓް މެޑިކެއާ އަދި އާނަންތަޕޫރީ ހޮސްޕިޓަލެވެ.
އިންޑިއާއިންނާއި ރާއްޖޭގެ ގިނަ ސިއްހީ ދާއިރާއާ ގުޅުން ހުރި ފަރާތްތަކުން ބައިވެރިވާ އެ އެކްސްޕޯގައި ރާއްޖެއިން އޭޑީކޭ ހޮސްޕިޓަލާއި އޭޑީކޭ ފާމަސޫޓިކަލްސް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، މަމްނޫޒް މޯލްޑިވްސްގެ އިތުރުން މެޑިކުއިޕް މޯލްޑިވްސްއާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އަދި ސެންޓަރ ފޯރ ޓްރެޑިޝަނަލް މެޑިސިން ބައިވެރިވެ އެވެ.
އެ އެކްސްޕޯ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ދާއިރު ނަސީބު ހުރި މިންވަރެއް ބަލާލުމަށް މިއީ ރަނގަޅު ފުރުސަތެކެވެ.