ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ހުސައިން ޖަވާޒް (ޖަވާ) އައްޔަންކޮށްފި އެވެ.

އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ އަކަށް ޖަވާ އައްޔަންކުރީ މިއަދު ހެނދުނު ބޭއްވި އެފްއޭއެމްގެ އިންތިހާބު، ބައްސާމް އަދީލް ޖަލީލް ކާމިޔާބު ކުރެއްވުމާއެކު އެވެ. ޖަވާ އިންތިހާބުކޮށްފައި ވަނީ އެފްއޭއެމް އެކްސްކޯގެ ފުރިހަމަ ތާއީދާއެކު އެވެ.

އެފްއޭއެމްގެ އެކްޓިންގް ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ޖަވާ އަކީ ކުރިން ވެސް އެފްއޭއެމްގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރު ކަމުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޖަވާ އަކީ 2014 ވަނަ އަހަރު އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އޭރު އެފްއޭއެމްގެ ރައީސް ކަމުގެ މަގާމުގައި ހުންނެވީ އިލްހާމް އަހުމަދެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ބައްސާމް ހޮވިފައި ވަނީ މިއަދު ބޭއްވި އިންތިހާބުގައި އެ އިދާރާގެ ކުރީގެ ރައީސް އަހްމަދު ޠާރިގު (ޓޮމް)އާ ވާދަކޮށްގެންނެވެ. އެފްއޭއެމްގެ އިންތިހާބުގައި ބައްސާމަށް 14 ވޯޓު ލިބިވަޑައިގެންނެވި އިރު، ޓޮމް އަށް ލިބިވަޑައިގެންނެވީ 11 ވޯޓެވެ.

ރައީސް ބައްސާމާއި ޖެނެރަލް ސެކްރެޓަރީ ޖަވާއާ އެކު އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގައި ހިމެނި ވަޑައިގަންނަވާނީ ސީނިއާ ވައިސް ޕްރެޒިޑެންޓް ހުސެން މުހައްމަދު ލަތީފާއި، ވައިސް ޕްރެޒިޑެންޓް އައިޝަތު ނާޒިމާ އާއި، މުހައްމަދު ޝިފާއު އާއި، އަބުދުﷲ އަހުމަދާއި، މުއާޒް މުހައްމަދު ރަޝީދާއި، މުހައްމަދު އަލީ އާއި، އަލީ ޝާހު އަދި ހުސައިން ޝަހުދީ އެވެ.