20 Nov 2016, 11:41
އދ. މަޖިލިސް (ނޮވެމްބަރު 20) : ދުނިޔޭގެ އާބާދީގެ ތެރެއިން ތިންބައިކުޅަ އެއްބައި ދިރިއުޅެނީ ފާޚާނާގެ ނިޒާމެއްނެތިކަން އދ. ން ހާމަކޮށްފި އެވެ.
ދުނިޔޭގެ ފާޚާނާގެ ނިޒާމުގެ ދުވަހުގެ ނަމުގައި އދ. ން ފާހަގަކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 19 ވަނަ ދުވަހެވެ. އެ ދުވަހުގެ މުނާސަބަތުގައި އދ. އިން ނެރުނު ސާވޭ ރިޕޯޓެއްގައިވާ ގޮތުން ދުނިޔޭގެ އެކިގައުމުތަކުގައި 2.4 މިލިޔަން މީހުން ގަޟާހާޖަތް ކުރަނީ ފާޚާނާގެ ނިޒާމެއް (ނަރުދަމާ) އެއްނެތި އެވެ. އަދި ކޮންމެ ދިހަމީހެއްގެ ތެރެއިން އެކަކު ގަޟާހާޖަތް ކުރަނީ (ފާޚާނާ ކުރަނީ) ހާމަތަންތަނަށެވެ.
ނަރުދަމާއެއް ނެތި ގިނަބަޔަކު ފާޚާނާ ކުރަމުންދިޔުމުގެ ނަތީޖާއެއްގެ ގޮތުން ނަޖިސް ފެތުރި ފެން ތަޣައްޔަރުވުމުގެ ސަބަބުން ކުރިމަތިވާ ސިއްޙީ މައްސަލަތަކުގައި އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ތިން ލައްކަ ކުޑަކުދިން މަރުވާކަން ވެސް މިދުވަހުގެ މުނާސަބަތުގައި އދ. އިން ނެރުނު ރިޕޯޓްގައިވެ އެވެ. ފާޚާނާގެ ނިޒާމެއްނެއް މީހުންގެ އަދަދާއި ނިސްބަތް ވެސް އެންމެ ގިނައީ ދުނިޔޭގެ ފަގީރު ގައުމުތަކުގަ އެވެ.
މީގެ ތެރޭގައި ހިމެނެނީ އެފްރިކާއާއި ލެޓިން އެމެރިކާއާއި އޭޝިޔާގެ ގައުމުތަކެވެ. އޭޝިޔާގައި ވެސް މިމައްސަލަ އެންމެ ބޮޑީ އިންޑިޔާއާއި ބަންގްލަދޭޝް ގައެވެ. ޔޫރަޕާއި އޮސްޓްރޭލިޔާއާއި އުތުރު އެމެރިކާގައި މިމައްސަލަ ވަރަށް ކުޑައެވެ. އދ.ގެ ދެމެހެއްޓެވި ތަރައްގީގެ ޕްރޮގްރާމުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ދުނިޔޭގައި މީހުން ދިރިއުޅޭ ކޮންމެ ތަނެއްގައިވެސް ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށާއި ސާފު ބޯފެނުގެ ނިޒާމު ގާއިމް ކޮށްދިނުމަށެވެ.
ދުނިޔޭގައި މީހުން ދިރިއުޅޭ ހުރިހާ ސަރަހައްދުތަކެއްގައި ނަރުދަމާގެ ނިޒާމާއި ސާފު ބޯފެނުގެ ނިޒާމު ގާއިމްކޮށް ނިންމުމަށް އދ. ން ކަނޑައަޅާފައިވާ ތާރީޚަކީ 2030 ވަނަ އަހަރެވެ. އިންސާނުންގެ ސިއްޙަތު ސަލާމަތް ކުރުމަށާއި އިންސާނުންގެ އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށް ޓަކައި ނަރުދަމާގެ ނިޒާމާއި ސާފު ބޯފެނުގެ ނިޒާމު ވަރަށް މުހިއްމު ކަމަށް އދ. ން ބުނެއެވެ. ހާމަތަންތަނުގައި ގަޟާހާޖަތް ކުރަންޖެހުމަކީ ޚާއްސަކޮށް އަންހެނުންނަށް ލަދުވެތިކަމާ އަދި ނުތަނަވަސްކަން ކުރިމަތިވާ ކަމެއްކަމަށާ މިކަމުގެ ސަބަބުން އަންހެނުންގެ އިންސާނީ ކަރާމާތް ގެއްލޭކަން އދ. ން ފާހަގަކުރެއެވެ. (ނޫސްއެޖެންސީތައް)