20 Nov 2016, 10:20
އަލެއްޕޯ (ނޮވެމްބަރު 20): ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ ހަލަބަށް، ފާއިތުވި ދުވަސްތަކުގެ ތެރޭގައި ދިން ބޮމުގެ ހަމަލާތަކުގައި އެސަރަހައްދުގެ ހުރިހާ ހޮސްޕިޓަލްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްފައި ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
ފާއިތުވި ފަސް ދުވަސް ތެރޭ ސަރުކާރުގެ ފައުޖުތަކުން ހަލަބަށް މެދު ނުކެނޑި ދިން ހަމަލާތަކުގައި އިރުމަތީ ހަލަބުގައި ހުރި ހުރިހާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަން ހަލާކުވެފައިވާ ކަން ޔަގީންވެފައިވާ ކަމަށް ސީރިއާގައި ހުންނަ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް އެލިޒަބެތް ހޮފް ވިދާޅުވި އެވެ.
ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި ބައެއް ހޮސްޕިޓަލްތަކުން ސިއްހީ ހިދުމަތްތައް ލިބެން ހުރި ނަމަވެސް ހޮސްޕިޓަލްތަކަށް އަމާޒުކޮށް، ދޭ ހަމަލާތަކުގެ ސަބަބުން އާއްމުން ވަނީ ސިއްހީ ހިދުމަތް ހޯދަން ބިރުގަނެފައެވެ.
ސީރިއާ ސަރުކާރުން ހަމަލާތައްދޭ ސަރަހައްދުތަކުގައި މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވާ ސީރިއާ ސިވިލް ޑިފެންސް ނުވަތަ ވައިޓް ހެލްމެޓްސް އިން ބުނި ގޮތުގައި ހޮނިހިރު ދުވަހު އެކަނި އިރުމަތީ ހަލަބަށް ދިން ވައިގެ ހަމަލާތަކުގައި 61 މީހަކު މަރުވެފައިވެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ސީރިއާ ސަރުކާރުގެ ފައުޖުތަކުން ވަނީ އިރުމަތީ ހަލަބު ވަށާލައި އެސަރަހައްދަށް ވަރުގަދަ ހަމަލާތައް ދޭން ފަށާފައެވެ. އިރުމަތީ ހަލަބުގައި 275،000 ވަރަކަށް މީހުން ހައްޔަރުވެފައިވާ އިރު އޮކްޓޯބަރު މަސް ނިމުނު އިރު އެސަރަހައްދުން 700 މީހަކު މަރުވެފައިވާ ކަމަށް ޔޫއެން އިން ބުނެ އެވެ.
އަދި މިދިޔަ ހުކުރު ދުވަހު ޔޫއެން އިން ވަނީ ފިނި މޫސުމާ ދިމާކޮށް ހަލަބުގައި ކާނާ ހޯދުމުގެ ދަތިކަމާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެޖަމިއްޔާއިން ބުނި ގޮތުގައި ހަލަބުގެ ގިނަ ވެއާހައުސްތަކުން މިހާރު ވަނީ ކާނާ ހުސްވެފައެވެ.
މީގެ ފަސް އަހަރު ކުރިން ފެށުނު ސީރިއާ ހަނގުރާމައިގައި 400،000ށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ލަފާ ކުރެ އެވެ. (ބީބީސީ)