ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަށް އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް ހޮވައިފި އެވެ.

މިއަދު ހެނދުނު ސްޓެލްކޯ ސެމިނާ ރޫމްގައި ބޭއްވި އެފްއޭއެމްގެ އިންތިހާބު ބައްސާމް ކާމިޔާބުކުރެއްވީ އެ އިދާރާގެ ކުރީގެ ރައީސް އަހްމަދު ޠާރިގު (ޓޮމް)އާ ވާދަކޮށްގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު ޓޮމްއާ ވާދަކުރައްވައި ރައީސް ކަމުގެ މަގާމަށް ބައްސާމް ހޮވިފައި ވަނީ 14 ވޯޓު ލިބިގެންނެވެ. ޓޮމް އަށް ލިބިވަޑައިގެންފައި ވަނީ 11 ވޯޓެވެ.

އެފްއޭއެމްގެ ރައީސް ކަމަށް އިންތިހާބުވުމުގެ ކުރިން ވެފައިވާ ވައުދުތައް ކުރިއަށްއޮތް ހަތަރު އަހަރުތެރޭ ފުއްދައިދެއްވާނެ ކަމުގެ ޔަގީންކަން ބައްސާމް ދެއްވާފައިވެ އެވެ. އޭގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގެ ކޮންމެ ޓީމަކަށް ތިން މިލިއަން ރުފިޔާގެ އެހީތެރިކަމެއް ދެއްވާނެ ކަމާއި، ދެވަނަ ޑިވިޝަންގެ ކޮންމެ ޓީމަކަށް ފަސް ލައްކަ ރުފިޔާގެ ފައިސާގެ އެހީތެރިކަމެއް އަދި ތިންވަނަ ޑިވިޝަންގެ ގަދަ ފަސް ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށް ބައްސާމް ވައުދުވެވަޑައިގެންފައިވެ އެވެ.

އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ، އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފަރާތްތައް ވެސް ބައްސާމްގެ ޓީމާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ބައްސާމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓަކީ ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފެވެ. ވައިސް ޕްރެޒިޑެންޓަކީ ޓޮމްގެ އެކްސްކޯގައި ވެސް ހިމެނުނު ކުރީގެ ވޮލީ އަދި ބާސްކެޓްބޯލް ކުޅުންތެރިޔާ އައިޝަތު ނާޒިމާ އެވެ.

މެމްބަރުންގެ ގޮތުގައި ހިމެނެނީ މޯލްޑިވްސް ގޭސް ސޭލްސް މެނޭޖަރު މުހައްމަދު ޝިފާއު އާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބުދުﷲ އަހުމަދާއި މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ އާއި ފުވައްމުލަކު މެމްބަރު އަލީ ޝާހު އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.

އެފްއޭއެމްގެ އިންތިހާބެއް ބާއްވަން މަޖުބޫރުވީ އެ އިދާރާގެ ރައީސް ކަމަށް މި އަހަރުގެ މެއި މަހުގެ ތެރޭގައި އިންތިހާބުކުރި ޓޮމް އެ މަގާމަށް ހޮވުނުތާ ގާތްގަނޑަކަށް ފަސް މަސް ދުވަސް ވީތަނާ އޭނާގެ އިތުބާރު ނެތްކަމަށް ބުނެ، އެފްއޭއެމްގެ އެކްސްކޯގައި ހިމެނޭ ފަސް މެންބަރަކު އެކްސްކޯއިން އިސްތިއުފާދިނުމާ ގުޅިގެންނެވެ.