އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މުޒާހަރާކުރުމުގެ ހައްގު ހޯދުމަށް ދިވެހިން ކުރި މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވެދެއްވީ އަގުނުކުރެވޭ ވަރުގެ ހިދުމަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން މާރިޔާ މިއަދު އިސްތިއުފާދެއްވުމާ ގުޅިގެން އެމްޑީޕީގެ ވެބްސައިޓްގައި މިއަދު އާއްމުކުރި ބަޔާނެއްގައި ރައީސް ނަޝީދު ވިދާޅުވި ކަމަށް ލިޔެފައި ވަނީ އެމްޑީޕީއާ މާރިޔާ ގުޅިވަޑައިގަތް ދުވަހުން ފެށިގެން އޭނާ ކެނޑިނޭޅި ގައްތަވަމުން ގެންދެވި ހިދުމަތުގެ ސިލްސިލާ މިއަދާ ހަމައަށް ދެމިގެން ގޮސްފައި ވަނީ އަންނަން އޮތް ޖީލުތަކަށާއި އެންމެހާ ދިވެހިން އަދި ވަކީން ހާއްސަކޮށް ދިވެހި އަންހެން ކަނބަލުން ފަޚުރުވެރިވާ ފަދައިން ނަމޫނާ ދައްކަވަމުން ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައިވެ އެވެ: "ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމަށް ދިވެހި ރާއްޖެ ފުރޮޅާލުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ އެއް ސަބަބަކީ ޑިމޮކްރަސީގެ ރީތި މިސާލެއް ދައްކަވަމުން މިއަދު މަގާމުން އިސްތިއުފާ ދެއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން އަލް އުސްތާޒާ މާރިއާ އަހުމަދު ދީދީ ކަމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އެންމެ އިސްލީޑަރު ، ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވަ އެވެ."

އެމްޑީޕީގެ ބަޔާނުގައި މާރިޔާ އެކި ތާރީހުތަކުގައި ބައިވެރިވަޑައިގެންފައިވާ އެމްޑީޕީގެ އެކިއެކި ހަރަކާތްތަކަށް ވަކިވަކިން އަލިއަޅުވާލާފައިވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުން މާރިޔާ އިސްތިއުފާ ދެއްވީ ޖުޑިޝަލް ސާވިސް ކޮމިޝަން އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ހުންނަވާ މެމްބަރުކަމަށް މާރިޔާ ހޮވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމުމުންނެވެ.

މިއަދު އޮތް ނޫސްކޮންފަރެންސެއްގައި މާރިޔާ ވިދާޅުވީ ޖޭއެސްސީ އަށް ހޮވިވަޑައިގެންފި ނަމަ މަސައްކަތްކުރައްވާނީ ހަމައެކަނި އެމްޑީޕީއަށް ޓަކައި ނޫން ކަމަށާއި ހުރިހާ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށެވެ.