އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ހިނގި ރޭލު އެކްސިޑެންޓެއްގައި 45 މީހުން މަރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި، ކާންޕުރް ސިޓީ ހިސާބުގައެވެ. ރޭލު ދަނގަޑުން ކަހާލައި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް އަރާއިރު، މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.

ރޭލު އެކްސިޑެންޓުވި ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ރެސްކިއު ޓީމްތަކުން ބުނާ ގޮތުގައި، ބޮޑަށް އަނިޔާވެ، މަރުވެފައިވަނީ ރޭލުގެ އިންޖީނު ހުންނަ ހިސާބުގައި ދަތުރުކުރަމުން ދިޔަ މީހުންނަށެވެ. އަދި ރޭލުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ރޭލުގެ ބައެއް ބައިބައި ކެފުމުގެ ގޮތުން ބަރު މެޝިނަރީސްތައް ބޭނުން ކުރަމުން އަންނަ ކަމަށްވެސް އެފަރާތްތަކުން ހާމަ ކުރެއެވެ.

މިހާދިސާގައި ފުރޮޅާލާފައިވަނީ އިންދޯރު ޕަޓްނާ އެކްސްޕްރެސް އެވެ.

އިންޑިއާގެ ރޭލްވޭސް މިނިސްޓަރު ސުރޭޝް ޕްރަބޫ ވިދާޅުވެފައިވަނީ، އެ ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު ހޯދާނެ ކަމަށާއި އަދި އެކަމުގައި ޒިންމާވާން ޖެހޭ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެގައުމަކީ ރޭލު އެކްސިޑެންޓުތައް ހިނގާ ގައުމަކަށްވާއިރު، އެގައުމުގެ އެންމެ ގިނަ މީހުން ދަތުރު ކުރުމަށް ޚިޔާރު ކުރަނީވެސް ރޭލު ދަތުރެވެ.