20 Nov 2016, 08:41
ބޮލީވުޑްގެ ހިތްގައިމު ޖޯޑު އަރްބާޒް ހާން އާއި މަލައިކާ އަރޯރާ އެންމެ ފަހުން ވަރިވާން ނިންމައި، ވަރީގެ ކަންކަން ނިންމުމަށް ކޯޓަށް ގޮސްފައިވާ ކަމަށް ޚަބަރުތައް ބުނަން ފަށައިފި އެވެ.
ދެމަފިރީންގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލު ނުކުރެވުމުގެ ސަބަބުން ދެމީހުންގެ 18 އަހަރުވީ ކައިވެނި ރޫޅާލަން ނިންމާފައިވާކަން ހާމަކޮށް ދެމީހުން ވަކިވެފައި ވަނީ މާޗް މަހު އެވެ.
ނަމަވެސް އެއަށްފަހު ވެސް ދެމީހުން ވަނީ އެކުގައި ވަގުތު ހޭދަކޮށް، ކައިވެނި ދެމެހެއްޓުމަށް މަސައްކަތް ކޮށްފައެވެ. ފަހަކަށް އައިސް ދެމީހުން އެކުގައި ވެސް ވަރަށް ގިނައިން ވަނީ ފެނިފައެވެ.
ނަމަވެސް އެންމެ ފަހުން ދެމީހުން ވަރިވާން ނިންމާފައިވާ ކަމަށް ޚަބަރުތައް މިވަނީ ބުނެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ވަކީލުންނާ އެކު ދެމީހުން ބަންޑްރާ ފެމިލީ ކޯޓުން ނުކުންނަނިކޮށް ވަނީ ފެނިފައެވެ.
ދެމީހުންގެ ކައިވެންޏަށް ގިނަ އަހަރުތަކެއް ވީއިރު، ކައިވެންޏަށް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ.