20 Nov 2016, 09:01
ބޮލީވުޑުގެ އެކްޓަރު ސައިފް އަލީ ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު، 'ޝެފް' ރިލީޒް ކުރާނެ ދުވަސް ކަނޑައަޅައިފި އެވެ.
ދެހާސް ސާދަ ވަނަ އަހަރު ރިލީސް ކުރި ކާމިޔާބު ހޮލީވުޑް ފިލްމު 'ޝެފް' އަސްލަކަށް ބަލައިގެން އުފައްދާ އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.
ފިލްމު ރިލީޒް ކުރާނެ ތާރީޚު އިއުލާނުކޮށްފައި ވަނީ ޓީސީރީޒް އިން ކުރި ޓުވީޓެއްގަ އެވެ.
ބަންދްރާ ވެސްޓް ޕިކްޗާސް އާއި ބުޝަން ކުމާރު އަދި ވިކްރަމް މަލޯތުރާ ޕްރޮޑިއުސް ކުރާ ފިލްމު ޑައިރެކްޓު ކުރަނީ ރާޖާ ކްރިޝްނާ މެނަން އެވެ. މެނަން އަކީ މި އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމު ކަމުގައިވާ 'އެއަރލިފްޓް'ގެ ވެސް ޑައިރެކްޓަރެވެ.
ފިލްމް 'ޝެފް' އަކީ ވަޒީފާ އިން ވަކިވެ، އަމިއްލަ ހުވަފެންތަކެއް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރާ ކައްކާ އެއްގެ ހަޔާތުގައި ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.