ސްޕެނިޝް ލަލީގާގައި ބާސެލޯނާ އިން ޕޮއިންޓްތަކެއް ގެއްލުވާލި އިރު، ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކުން އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުވެ، ތާވަލުގެ އެއް ވަނައިގައި ރެއާލް މެޑްރިޑުން ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދައިފި އެވެ.

ލަލީގާގައި އިއްޔެ މަލާގާ އިން ވަނީ އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ބާސާ ހިފަހައްޓައިފައެވެ. ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން މެޗު ނިމިގެންދިޔަ އިރު، މެޗުގައި މަލާގާގެ ދެ ކުޅުންތެރިޔަކަށް ރަތް ކާޑު ދައްކާފައިވެ އެވެ.

ސްޕެނިޝް ލަލީގާގައި ބާސާ އާއި މަލާގާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

ބާސާގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި، އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް އަދި ސްޕެއިން މިޑްފީލްޑަރު އަންދްރޭސް އިނިއެސްޓާ ނުލައި ކުޅުނު އެ މެޗުގައި ބާސާ އިން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ ޑިފެންޑަރު ޖެރާޑް ޕީކޭ އާއި، ރަފީނިއާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އިރު، ދެ ވަނަ ހާފުގައި ބްރެޒިލް ތަރި ނޭމާއާއި އިވާން ރަކިޓިޗަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ.

ސްޕެނިޝް ލަލީގާގައި ބާސާ އާއި މަލާގާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

އެ މެޗުގައި މަލާގާގެ ގޯލްކީޕަރު ކާލޯސް ކާމޭނީގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ބާސާގެ ގިނަ ހަމަލާތަކެއް އޭނާ ވަނީ މަތަކޮށްފައެވެ. މެޗުގެ 68 ވަނަ މިނެޓުގައި ފުރަތަމަ ރަތް ކާޑު މަލާގާގެ ޑިއޭގޯ ލޮރެންޓޭ އަށް ދެއްކި އިރު، ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި އެ ޓީމުގެ ހުއާން ކާލޯސް އަށް ވެސް ރަތް ކާޑެއް ދައްކާފައިވެ އެވެ.

ރަށުން ބޭރުގައި ރޭ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވެފައި ވަނީ 3-0 ލަނޑުންނެވެ.

މެޗުގައި ލަނޑު ޖަހާނެ ފުރަތަމަ ފުރުސަތު ތަނަވަސްކޮށްފައި ވަނީ ރެއާލުންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި މާސެލޯ ދިން ބޯޅައަކުން ކްރިސްޓިއާނޯ ރޮނާލްޑޯ އުފެއްދި ބާރު ހަމަލާ، ހުޝިޔާރުކަމާއެކު އެތުލެޓިކޯގެ ގޯލްކީޕަރު ޖޭން އޮބްލެކް ވަނީ މަތަކޮށްފައެވެ.

ރޮނާލްޑޯގެ ދެ ވަނަ ލަނޑާއެކު އޭނާ އުފާފާޅުކުރަނީ: ލަލީގާގައި އެތުލެޓިކޯ އަތުން ރެއާލް މޮޅުވީ 3-0 ލަނޑުން --- ފޮޓޯ/ އޭޕީ

މެޗުގެ 23 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރެއާލަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ރެއާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ރޮނާލްޑޯ ދެ ވަނަ ލަނޑު ކާމިޔާބުކުރީ ރެއާލަށް ލިބުނު ޕެނަލްޓީއަކުންނެވެ. ރެއާލަށް އެ ޕެނަލްޓީ ލިބިފައި ވަނީ އެތުލެޓިކޯގެ ޕެނަލްޓީ އޭރިޔާ ތެރެއިން ރޮނާލްޑޯ އަށް ސްޓެފަން ސަވިޗް ކުރި ފައުލަކާ ގުޅިގެންނެވެ.

ސްޕެނިޝް ލަލީގާގައި ރެއާލް އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 3-0 ލަނޑުން --- ފޮޓޯ/ އޭޕީ

އޭގެ ހަ މިނެޓް ފަހުން ރޮނާލްޑޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، ރެއާލަށް ތިން ލަނޑުގެ ލީޑެއް ހޯދައިދީފައެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވޭލްސް ތަރި ގެރެތު ބޭލް ދިން ބޯޅައަކުން އެތުލެޓިކޯގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލަށް ބަލައިލާ އިރު، ރެއާލް އެއް ވަނައިގައި އޮތީ ކުޅުނު 12 މެޗުން ލިބުނު 30 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ބާސާ އަށް 12 މެޗުން 26 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ސެވިއްޔާ އަށް ލިބިފައި ވަނީ 24 ޕޮއިންޓެވެ.