އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވާން ދަނިކޮށް، ފަހު ވަގުތު އޮލިވިއާ ޖިރޫ އާސެނަލް ސަލާމަތްކޮށްދީފި އެވެ.

ލީގުގައި އިއްޔެ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗު ކުޅެފައި ވަނީ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑް ސްޓޭޑިއަމްގައެވެ.

އެ މެޗުގެ ކުރީކޮޅު ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެ އެވެ. މެޗުގެ ފަހުކޮޅު ޔުނައިޓެޑުން ވަނީ އާސެނަލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދައިފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި އެންތޮނީ މާޝިއަލް އާއި ހުއާން މަޓާގެ ރީތި ކުޅުމާއެކު އުފެއްދި ހަމަލާ، އާސެނަލްގެ ގޯލްކީޕަރު ޕީޓާ ޗެކް ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަކަށް ވެފައި ވަނިކޮށް، ޔުނައިޓެޑްގެ އިތުރު ހަމަލާއެއް ފެނިގެންދިޔައެވެ. ޔުނައިޓެޑްގެ ފްރާންސް ފޯވަޑް މާޝިއަލް އުފެއްދި އެ ހަމަލާ ވެސް އާސެނަލްގެ ކީޕަރު ޗެކް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޕްރިމިއާ ލީގުގައި ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެ ޓީމު އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

މެޗުގެ 68 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. އެންޑާ ހެރޭރާ ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ އެވެ.

އާސެނަލުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައި ވަނީ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށެވެ. އެލެކްސް އޮކްސްލޭޑް ޗެމްބަލިން ނަގައިދިން ހުރަހަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފުގައި ކުޅެން ނުކުތް އެ ޓީމުގެ ފްރާންސް ފޯވަޑް ޖިރޫ އެވެ.

ލީގު ތާވަލުގެ އެއް ވަނައިގައި ފަރަގު ބޮޑުކޮށްލަން ލިބުނު ފުރުސަތު ލިވަޕޫލުން ވަނީ ގެއްލުވާލައިފައެވެ. ރަށުން ބޭރުގައި ރޭ ސައުތުހެމްޓަންއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ޕްރިމިއާ ލީގުގައި ލިވަޕޫލާއި ސައުތުހެމްޓަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ފޮޓޯ/ އޭޕީ

އެ މެޗުން އެއްވަރުވި ނަމަވެސް މެޗުގައި ލިވަޕޫލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގައި ލިވަޕޫލުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައެވެ. އޭގެ ތެރޭގައި ލިވަޕޫލްގެ ރޮބާޓޯ ފާމީނޯ އާއި، ފިލިޕް ކުޓީނިއޯ އަދި ސާޑިއޯ މާނޭ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ. މެޗުގައި ސައުތުހެމްޓަންގެ ގޯލްކީޕަރު ފްރޭސާ ފޯސްޓާގެ ފަރާތުން ރަނގަޅު ސޭވްތަކެއް ވެސް ފެނިގެންދިޔައެވެ.

ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ސިޓީ ވަނީ މޮޅުވެފައެވެ. އެ މެޗުން ސިޓީ މޮޅުވެފައި ވަނީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

މެންޗެސްޓާ ސިޓީގެ ކޯޗު ގާޑިއޯލާ އާއި އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ: ޕްރިމިއާ ލީގުގައި 2-1 ލަނޑުން ކްރިސްޓަލް ޕެލަސް އަތުން މޮޅުވި މެޗުގައި ސިޓީގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ޓޫރޭ --- ފޮޓޯ/ އޭޕީ

މެޗުގެ 39 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ހޯދައިދިނީ ޕެޕް ގާޑިއޯލާގެ ޓީމުން އާންމުގޮތެއްގައި ޖާގަ ނުލިބޭ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ އެވެ. މެޗުގެ 66 ވަނަ މިނެޓުގައި ކްރިސްޓަލް ޕެލަސް އަށް ކޮނާ ވިކަމް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، މެޗުގެ 83 ވަނަ މިނެޓުގައި ޓޫރޭ ވަނީ އަލުން ސިޓީ އަށް ލީޑު ހޯދައިދީފައެވެ.

އަމިއްލަ ދަނޑުގައި ވެސްޓް ހާމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް ހޮޓްސްޕާ ވަނީ މޮޅުވެފައެވެ. އެ މެޗުން ޓޮޓެންހަމް މޮޅުވެފައި ވަނީ 3-2 ލަނޑުންނެވެ.

ޕްރިމިއާ ލީގުގައި ވެސްޓް ހާމްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޓޮޓެންހަމްގެ ހެރީ ކޭން އުފާފާޅުކުރަނީ: އެ މެޗުގެ ފަހު ވަގުތު ދެ ލަނޑު ޖަހައި، ކޭން ވަނީ ޓޮޓެންހަމް އަށް ލީޑު ހޯދައިދީފަ --- ފޮޓޯ/ އޭޕީ

މެޗުގެ 24 ވަނަ މިނެޓުގައި ވެސްޓް ހާމް އަށް މައިކަލް އެންޓޯނިއޯ ލީޑު ހޯދައިދިން ނަމަވެސް، 51 ވަނަ މިނެޓުގައި ހެރީ ވިންކްސް ވަނީ ޓޮޓެންހަމް އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ 68 ވަނަ މިނެޓުގައި ވެސްޓް ހާމް އަށް މެނުއެލް ލަންޒީނީ އަލުން ލީޑު ހޯދައިދިން އިރު، މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ދެ ލަނޑު ޖަހައި ހެރީ ކޭން ވަނީ ޓޮޓެންހަމް އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ލީގު ތާވަލަށް ބަލައިލާ އިރު، އެއް ވަނައިގައި އޮތް ލިވަޕޫލާއި ދެ ވަނައިގައި އޮތް ސިޓީ އަށް ވެސް 12 މެޗުން ލިބިފައި ވަނީ 27 ޕޮއިންޓެވެ. ތާވަލުގެ ތިން ވަނައިގައި އޮތް ޗެލްސީ އާއި އާސެނަލަށް ލިބިފައި ވަނީ 25 ޕޮއިންޓެވެ. ލިވަޕޫލާއި ސިޓީ އަދި އާސެނަލުން 12 މެޗު ކުޅެފައިވީ ނަމަވެސް، ޗެލްސީ ކުޅެފައި ވަނީ 11 މެޗެވެ. އެހެންކަމުން ރަށުން ބޭރުގައި މިރޭ މިޑްލްސްބަރާ އަތުން މޮޅުވެގެން ޗެލްސީ އަށް ތާވަލުގެ އެއް ވަނައަށް އެރޭނެ އެވެ.