ކުޑަކުދިންނަށް ކުރާ އަނިޔާ އާއި އިހުމާލުވުމުގެ މައްސަލަތައް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާ މިންވަރު ދުވަހަކުން ދުވަހެއް އިތުރުވަމުންދާ ކަމަށް ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

ށ. ފުނަދޫގައި މިރޭ ބޭއްވި ށ. އަތޮޅު ކައުންސިލްގެ "ވިޔަވަތި" އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޒެނީޝާ ވިދާޅުވީ، ޖެންޑާ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް އެކިކަހަލަ އަނިޔާތައް ކޮށްގެން ހުށަހެޅޭ މައްސަލަތައް އިތުރު ކަމަށެވެ.

އެފަދަ މައްސަލަތައް މަދުކުރުމަށް ކުޑަ ކުއްޖަކަށް އަނިޔާއެއް ލިބެމުންދާކަމުގެ ނިޝާންތައް ދެނެގަނެ، އަނިޔާ ލަސްނުކޮށް ރިޕޯޓްކުރުމާއި އަނިޔާއެއް ލިބޭ ކުދިންނަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށް މިނިސްޓަރު ޒެނީޝާ ވިދާޅުވިއެވެ.

"ކުޑަކުދިންނަށް ކުރާ އަނިޔާތަކުން ރައްކާތެރިކޮށް އުފާވެރިކަމާއެކު ހެދިބޮޑުވެވޭނެ މާހައުލެއް ބިނާކުރުމަކީ ޒިންމާއެއް،" މިނިސްޓަރު ޒެނީޝާ ވިދާޅުވިއެވެ.

ރާއްޖޭގައި ހާއްސަ އަޅާލުމާ ރައްކާތެރިކަން ބޭނުންވާ ކުޑަކުދިންނަށާއި މީހުންނަށް އެހީވުމުގެ ގޮތުން ތަފާތު ކެމްޕެއިންތަކާ ޕްރޮގްރާމްތައް ހިންގަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ މީހުންގެ ހައްގުތައް ކުރިއަރުވާ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކަކީ މުޖުތަމައުގެ ހުރިހާ ފަރުދުން ބައިވެރިވެގެން ނޫނީ ކާމިޔާބުކަމާއެކު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.