20 Nov 2016, 08:56
ސިއްހީ މައްސަލައެއް ދިމާވާއިރަށް ބޭސްފިހާރަ އަށް ވަދެ ދިމާވާ އެ މައްސަލަ ފާމަސިސްޓަށް ކިޔައިދިނުމުން ވަގުތުން ބޭހެއްދެ އެވެ. ދެން ފަރުވާއަށް ބޭނުން ކުރަނީ އެބޭހެކެވެ. ބައެއް ފަހަރު ރަނގަޅުވެ އެވެ. އަނެއްބައި ފަހަރު ރަނގަޅު ނުވަނިކޮށް އެއަށް ވުރެ ބާރުގަދަ އެހެން ބޭހެއް އަނެއްކާ ބޭނުންކުރަނީ އެވެ. މިއީ އެތައް ދިވެހިންގެ އާއެކެވެ. ގެއްލުން ވަރަށް ވެސް ބޮޑެވެ.
ރާއްޖޭގައި ޑޮކްޓަރީ ބޭސްވިއްކުމުގެ ގަވައިދު ބުނާގޮތުން ގިނަ ބޭސްތައް ވިއްކަންޖެހޭނީ ބޭސްސިޓީ ދިނުމުންނެވެ. ބޭސް ސިޓީއާއި ނުލައި "އޯވާ ދަ ކައުންޓާ މެޑިޝިން" ފަދަ ބޭހުގެ ގޮތުގައި ވިއްކެނީ "ޕެނަޑޯލް" ފަދަ މަދު ބޭހެކެވެ. އެންޓަބައޮޓިކް ނުވަތަ އެކިއެކި ފަރުވާއަށް ދޭ ގިނަ ބޭހަކީ ޑޮކްޓަރު ދޭ ބޭސް ސިޓީގައި ބުނާ ގޮތުގެ މަތިން ނޫނީ ވިއްކުން މަނާ ބޭހެވެ. އަދި ކޮންޓުރޯލް ކޮށްފައި ހުންނަ ބޭސް ވިއްކޭނީ ޑޮކްޓަރު ދޭ ހާއްސަ ލިޔުމަކަށެވެ.

ބޭސް ފިހާރައެއްގެ އެތެރެ: -- ސަން ފައިލް ފޮޓޯ
ނަމަވެސް ކަން ވަނީ އެހެނެއްނޫނެވެ. ފާމަސީއަލަށް ގޮސް ދިމާވާ ސިއްހީ މައްސަލައެއް ބުނެލާއިރަށް ބޭސްދެނީ އެވެ. ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ސިއްހަތައް އޭގެ ނޭދެވޭ އަސަރުކުރެއެވެ.
ސިއްހީ އެތައް މައްސަލައެއް
ކޮންމެ ބޭހަކީ ވެސް އެމީހަކަށް ދިމާވެފައިވާ އަސްލު މައްސަލަ ދެނެގަނެ ވަކި މިންވަރަކަށް ދޭން ޖެހޭ އެއްޗެކެވެ. އާންމު ބަލިތަކާ ބެހޭ ޑޮކްޓަރު އުސާމާ އުމަރު ވިދާޅުވި ފާމަސިސްޓުން ބޭސްދެނީ މީހާގެ ސިއްހީ ހާލަތު ރަނގަޅަށް ވަޒަން ނުކޮށް ކަމުގައިވާތީ އޭގެ ސަބަބުން އެތައް މައްސަލައެއް ކުރިމަތިވާ ކަމަށެވެ.
"ބައެއް ފާމަސިސްޓުންނަށް ނޭނގޭ ސީދާ ކޮންބޭހެއްތޯ އެކަމެއްގައި ދޭންވީ، މިސާލަކަށް މީހަކު ބޮލުގައި ރިއްސަފާނެ ވަރަށް ގިނަ ސަބަބުތަކެއް ހުރެގެން، މިސާލަކަށް ލޭ މައްޗަށް ހިނގައިދާނެ، ނޫނީ ސުޓޯކްގެ ކުދި އަލާމާތެއް ފެނިދާނެ، އެހެންހުއްޓާ ދީފާނެ އާދައިގެ ބޭހެއް، އެއީ ވަރަށް ބޮޑު މައްސަލައެއް،" ޑރ. އުސާމާ ވިދާޅުވި އެވެ.
ކިރިޔާ ކަމެއްވާއިރަށް ނުވަތަ ތަނެއްގައި ރިއްސާލާއިރަށް ގޮސް ބޭސްނަގައިގެން ބޭސް ކެއުމަކީ ވެސް އެތައް ބައެއްގެ އާދައެކެވެ. ރާއްޖޭގެ އެންމެ ސީނިއާ އެއް ޑޮކްޓަރު ކަމަށްވާ މުހައްމަދު ހަބީބު ވިދާޅުވާ ގޮތުގައި އެއީ މައްސަލައެކެވެ. ކިތަންމެ އާދައިގެ ބޭހެއް ނަމަވެސް ނަހަމަ ގޮތުގައި ގިނަ ދުވަހު ބޭނުންކޮށްފި ނަމަ އޭގެ ނުރައްކާ ވަރަށް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭސް ކާން ފެށީމާ މި ޑިޕެންޑް ވެވެނީ އެޔަށް. ބައެއް މީހުން އުޅޭނެ ބޭސް ކައިގެން ނޫނީ ނުނިދޭ މީހުން ވެސް. އެކަމަކު ހަގީގަތަކީ ކޮންމެ ބޭހަކީ ވެސް އޭގެ ސައިޑް އިފެކްޓްސްތައް ފެންނާނެ ބޭހެއް، ހައްދު ފަހަނައަޅައިދާ މިންވަރަށް ބޭނުންކޮށްފިއްޔާ. އެންމެ ގިނައިން މީހުން މި ކަނީ ޕެނެޑޯލް އެހެން ނޫންތޯ؟ ޕެނެޑޯލް އަކީ ވެސް ގިނަ ދުވަހު ބޭނުން ކޮށްފިއްޔާ ލިވާ ނުވަތަ ޗަސް މޭ ހަލާކޮށްލަފާނެ ބޭހެއް." ޑރ. ހަބީބް ވިދާޅުވި އެވެ.

ކުޅިވަރު ކުޅޭ ނުވަތަ ބުރަކޮށް އުޅޭ ބައެއް މީހުންނަށް ތަދުކަނޑުވާ ބޭސް ބޭނުން ކުރުމަކީ ވަރަށް "އާދައިގެ" ކަމެކެވެ. އެކަމަކު ޑރ. ހަބީބް ވިދާޅުވަނީ ތަދުކަނޑުވާ ބައެއް ވައްތަރުތަކުގެ ބޭސް ނަހަމަ ގޮތުގައި ބޭނުންކޮށްފި ނަމަ ކިޑްނީ ފެއިލްވުން ފަދަ ކަންކަން ވެސް ދިމާވުން އެކަށީގެންވާ ކަމަށެވެ.
ފަލަވުމަށް ނުވަތަ ހަށިގަނޑުގެ އެކިއެކި ގުނަވަންތަކަށް ނުވަތަ ހަރަކާތްތަކަށް ބަދަލުގެނައުމަށް ބޭނުންކުރާ ބޭސްތަކުގެ ސަބަބުން ކިޑުނީ މައްސަލަ ޖެހި މީހާގެ ހަކަތަދަށްވެ އަދި ބައެއްފަހަރު އޯވާޑޯޒްވާ ހާލަތައް ކަންދިމާވެ އެވެ.
"މިސާލަކަށް ފަލަވާން ބޭސް ނަގާއިރު ކުދިންނަކަށް ނޭނގޭ މިއީ ސުޓުރޮއިޑްކަމެއް، ސުޓުރޮއިޑް ކައިގެން ކިޑުނީ ހަލާކުވެ ލޯވެސް ހަލާކުވެ އަމިއްލައަށް ހަށިގަނޑުގައި ފެންހެދި ދުޅަވޭ، އެއީ ވަރަށް ނުރައްކާ ބޭހެއް،" ޑރ. އުސާމާ ވިދާޅުވި އެވެ.
ތިމާ ބޭނުންކުރަން ނުޖެހޭ ބޭހެއް ނުވަތަ މާ ގިނައިން ބޭހެއް ބޭނުންކުރުމުން ކުރިމަތިވާ "ސައިޑް އިފެކްޓްސް"ތަކުގެ ތެރޭގައި މީހާގެ ހަރަކާތް ލަސްވުމާއި ވަރުބަލިވުމާއި ހޮޑުލެވުމުގެ އިތުރުން އެކިއެކި މައްސަލަ ކުރިމަތިވެ އެވެ.
މޮނީޓާދަނީ ކުރަމުން: އެމްއެފްޑީއޭ
އެއީ ކިތަންމެހާ ނުރައްކާ ކަމެއް ވިޔަސް އަދި ގަވައިދަކުން މަނާކަމެއްކަމުގައި ވިޔަސް އެކަން އަދި ވެސް ދަނީ ހިންގަމުންނެވެ. މޯލްޑިވްސް ފުޑް އެންޑް ޑުރަގް(އެމްއެފްޑީއޭ)ގެ ފާމަސީ ޑިރެކްޓަރު ފާމަސީޓިކަލްސް މުހައްމަދު ފަޟީން ވިދާޅުވީ ގަވައިދާ ހިލާފަށް ބޭސްވިއްކާކަން ޔަގީން ކުރެވިފައިވާ ކަމަށާއި އެގޮތައް އަމަލުކުރާ ފާމަސިސްޓުން ޖޫރިމަނާ ކުރަމުން އަންނަ ކަމަށެވެ.
ފާމަސިސްޓުންނަށް ފިޔަވަޅު އެޅުމުގެ އިތުރުން އާންމުން އެކަމަށް ހޭލުންތެރި ކުރުމަށް އެކިފެންވަރުގައި ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފަޟީން ވިދާޅުވި އެވެ.
"ފާއިތުވެދިޔަ ހަފްތާގައި ވެސް އަޅުގަނޑުމެން އެންޓަބަޔޮޓިކް އެވެއާނަސް ޕުރޮގުރާމްތައް ހިންގިން. މަލޭގެ އެކި ސަރަހައްދުތަކާއި ވިލިމާލެއަށް އަޅުގަނޑުމެންގެ އޮފިޝަލުން ގޮސްގެން ހާއްސަ ލީފްޓްލެޓް ބެހުމާއި މައުލޫމާތު ދިނުން ފަދަ ކަންތައްތައް އެބަދޭ ކުރިއަށް،" ފަޟީން ވިދާޅުވި އެވެ.
ކަންފަސޭހަ ކަމުން ނުވަތަ ހޭލުންތެރިކަން ދަށް ކަމުން އެތައް ބަޔަކު އެދަނީ އެގޮތަށް ބޭސް ނަގައިގެން ބޭނުން ކުރަމުންނެވެ. އަދި ވިޔަފާރީގެ ފައިދާއަށް ނަމަވެސް ބޭސް ފިހާރަތަކުން އެގޮތަށް އެބަ ބޭސްވިއްކަ އެވެ. ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ސިއްހަތަށް އޭގެ ނޭދެވޭ އަސަރު އެބަކުރެ އެވެ. އެހެންކަމުން އެތައް ނުރައްކަލަކުން ސަލާމަތްވުމަށް މިކަން ހުއްޓަންޖެހެ އެވެ.