އައްޑޫ ސިޓީގެ މީދޫގެ ފުއްޓަރާ ދިމާލުން ނެރެއް ކެނޑުމަށްޓަކައި، ގޮވާތަކެތި ބޭނުންކޮށްގެން ގޮއްވާލީ ކުޑަ މިންވަރެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

މީދޫ ފަރު އިއްޔެ ގޮއްވާލުމާ ގުޅިގެން އާއްމުންނަށް އޮޅުން އަަރަމުންދާކަމަށް ބުނެ އެންވަރަޔަމަންޓް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އައްޑޫ މީދޫގައި ނެރެއް ހެދުމަށް ގޮއްވުމަށް ހުއްދަ ދީފައިވާ ތަނަކީ އެސަރަހައްދުގެ ޖުމްލަ ފަރުގެ ސަރަހައްދަށް ބަލާއިރު ކުޑަ މިންވަރެއް ކަމަށެވެ.

"އެހެންކަމުން މި ކުރެވޭ މަސައްކަތަކީ އެސަރަހައްދުގެ މުޅި ފަރު ގޮއްވުމުގެ މަސައްކަތެއް ނޫނެވެ. އަދި މިކަން ކުރުމަށް މިފަހަރު މިދެވުނު ހުއްދައަކީ މީގެ ކުރިން ގެންގުޅުނު ހަރުދަނާ އުސޫލުތައް ދޫކޮށްލައި އާއްމުކޮށް ރާއްޖޭގެ ފަރުތައް ގޮއްވުމަށް ދެވުނު ހުއްދައަކަށްވެސް ނުވާނެއެވެ،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ދެހާސް ނުވަވަނަ އަހަރު ފެށި، މީދޫގައި ނެރެއް ކެނޑުމުގެ މަޝްރޫއަކީ މަސްދޯނިފަހަރާއި އެހެނިހެން ކަނޑުގެ އުޅަނދު ދަތުރުކުރަންޖެހޭ ރާސްތާ ކުރުވެ، ތެލުގެ ހަރަދު ކުޑަވުން ފަދަ ފައިދާތަކަށް ވިސްނައި އެރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ފަރުމާކޮށް ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ މަޝްރޫއުގެ އެކި މަރުހަލާތަކުގެ 90 ޕަސަންޓު މަސައްކަތް މިހާރު ނިމިފައި އޮތް ނަމަވެސް، ފުއްޓަރު ފަރާތުގެ ބޭރުގެ އާނުގަނޑު ހަރު ކަމުން، އެ މަސައްކަތް ހަވާލުކޮށްފައިވާ ސްރީލަންކާގެ ސެނޯކް ޓްރޭޑް ކޮމްބައިން ނަމަކަށް ކިޔާ ކުންފުނިން މެޝިނަރީ އާއި އެކި ގޮތްގޮތައް ބޭނުންކޮށްގެން އެ ސަރަހައްދު ފުންކުރެވޭތީ ގާތްގަނޑަކަށް ދޮޅު އަހަރު މަސައްކަތްކޮށް ވަނީ ނާކާމިޔާބުވެފައެވެ.

އެގޮތުން، މަޝްރޫއު ހިންގުމަށް ފުރަތަމަ ރޭވި ރެވުމަށް ބަދަލު ގެނެސް، ނެރު ކެނޑުމަށްޓަކައި އައްޑޫ މީޑޫގެ ފުށްޓަރުން 27x15 މީޓަރުގެ ސަރަހައްދެއް ގޮއްވުމުގެ ހުއްދައަށް އެދި، ހައުސިންގް މިނިސްޓްރީގެ ފަރާތުން އެންވާރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)އެއް ހަދައި، މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ހުށަހެޅިއެވެ.

ހައުސިން މިނިސްޓްރީގެ އީއައިއޭ ރިޕޯޓްގައި މީދޫގެ ފަރު ގޮއްވާލުމަށް ހުށަހަޅާފައިވަނީ އެމޯނިއާ ނައިޓްރޭޓް ކިޔާ ގޮވާ ޒާތުގެ ކެމިކަލަކާއި، ޑައިނަމައިޓް ބޭނުންކޮށްގެންނެވެ. އަދި ކޮންމެ ގޮއްވާލުމަކަށް އެފަދަ ހަ ކޮތަޅު ބޭނުންވާނެ ކަމަށް ބުނެފައިވާއިރު، ޖުމްލަ 50 ކޮތަޅު ބޭނުންކުރުމަށް އީއައިއޭގައި ހުށަހަޅާފައިވެއެވެ.

އީއައިއޭގައި ބުނެފައިވާ ގޮތުން މިކަން ކުރުމަށް ހޭދަވާނީ ދެ ދުވަސް ނުވަތަ ތިން ދުވަހެވެ.

އީއައިއޭ ރިޕޯޓުގައި ބުނާ ގޮތުން، ފަރު ގޮއްވުމުގެ ސަބަބުން އޭގެ އަޑާއި ގުޑުމުގެ ސަބަބުން ކަނޑުގެ ދިރުންތަކުގެ ބޮޑުބައެއް މަރުވުމާއި، ފަރުގައި ރެނދުލުމާއި، އެއްގަމުގައި ހުރި ދުވަސްވީ ބައެއް ގޭގެއަށް އަސަރުކުރުމާއި ފެންގަނޑު ވަގުތީ ގޮތުން ތަޣައްޔަރުވުން ހިމެނެއެވެ.

އޭގެ އިތުރުން، ފަރު ގޮއްވުމުގެ ސަބަބުން ފަރުގެ ދިރުން އަލުން އިއާދަވި ނަމަވެސް ފަރުގެ ޖިއޮލޮޖީއަށް ލިބޭ ގެއްލުން އަނބުރާ އިއާދައެއް ނުކުރެވޭނެ ކަމަށް ވެސް އީއައިއޭ ރިޕޯޓްގައި ބުނެފައިވެއެވެ.

ނަމަވެސް އީއައިއޭއާއެކު މީދޫގެ ނެރު ކެނޑުމަށް ފަރު ގޮއްވުމުގެ ހުއްދަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އީޕީއޭއިން ދިނެވެ. އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ސޮއިކުރައްވާ ހުއްދަ ދިން ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، މީދޫ ނެރުކެނޑުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ އަލި މަގެއް ނުފެނި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ، އެ މަސައްކަތުގެ މުހިއްމުކަމުގެ މައްޗަށް ބެލުމަށްފަހުއެވެ.

އީޕީއޭގެ ހުއްދާގައި ބުނެފައިވަނީ، މަސައްކަތް ކުރުމުގެ ހުއްދަ ދިން ނަމަވެސް އެކަން ކުރަންޖެހޭނީ ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތަށް ބަލައިގެން ކަމަށެވެ. އަދި ގެއްލުން ކުޑަކުރުމަށް އީއައިއޭގައި ފާހަގަކޮށްފައިވާ ހުރިހާ ފިޔަވަޅެއް އަޅަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، މި މަސައްކަތް ކޮށްގެން ލިބިދާނެ ހުރިހާ ގެއްލުމަކަށާއި، އިމާރާތްތަކަށް ވެދާނެ ގެއްލުންތަކަށް ޒިންމާވާން ޖެހޭނީ މަޝްރޫއުގެ އެދިޔާރު ނުވަތަ ޕްރޮޕޯނެންޓް ކަމަށް ހުއްދައިގައި ބުނެފައިވެއެވެ. މި މަޝްރޫއުގެ އެދިޔާރަކީ ހައުސިންގް މިނިސްޓްރީއެވެ.

މީދޫ ފަރު ގޮއްވާލުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއިި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.