19 Nov 2016, 16:12
ފަތުރުވެރިކަމުގެ ދާއިރާގައ ހަރަކާތްތެރިވާ، ރާއްޖެއާއި ރާޢްޖެ އިން ބޭރުގެ ގިނަ ފަރާތްތަކަކާ އެކު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ބައްދަލުވުމެއް ފަށައިފި އެވެ.
މޯލްޑިވްސް ޓްރެވަލް ކޮންފަރެންސްގެ ނަމުގައި މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިޔަށްދާ ފޯރަމްގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ، ފަތުރުވެރިކަމުގެ 150 އެއްހާ ފަރާތްތަކުން ދަނީ ބައިވެރިވަމުންނެވެ.
މިއަދު ހެނދުނު ފެށި މި ހަރަކާތުގައި މައިގަނޑު ގޮތެއްގައި ހަތަރު މައުޟޫއަކަށް މަޝްވަރާތައް ކުރިޔަށް ދާނެ އެވެ. އޭގެ ތެރޭގައި ޑެސްޓިނޭޝަން މާކެޓިންގް، ރާއްޖޭގައި ލަގްޒަރީ ޓްރެވަލް ޓްރެންޑުތައް ހުރި ގޮތާއި، ރާއްޖޭގައި ޓުއަރިޒަމް ކުރިއަރަމުން އަންނަ ގޮތާއި އަދި ފަތުރުވެރިކަމުގައި ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކެވެ.
މި ކޮންފަރެންސްގައި ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ދަނީ ބައިވެރިވަމުންނެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ ކޮންފަރެންސްގައި ތަގުރީރު ވެސް ކޮށްފަ އެވެ. ތަގުރީރުކުރި ބައެއް ފަރާތްތަކުގެ ތެރޭގައި ސީއެންއެން އިންޓަނޭޝަނަލްގެ ދެކުނު އޭޝިއާގެ ސޭލްސް ޑިރެކްޓަރު ސޮނާލީ ޗެޓަޖީ، ޓީޓީޖީ އޭޝިއާގެ ސީނިއާ ކޮރެސްޕޮންޑެންޓް ފައިސަލް ސަމާތު، ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ)ގެ ސީއީއޯ ޑރ. މާރިއޯ ހާޑީ، ތައިލެންޑްގެ ތަމަސަތު ޔނިވާސިޓީގެ އެފްސީޢައިޕީ ޑިރެކްޓަރު ޑރ. ވޯލްޓަރު ޖޭމީސަން އަދި ސަން ސިޔާމް ގްރޫޕުގެ ޑިރެކްޓަރު އޮފް ބިޒްނަސް ޑިވެލޮޕްމެންޓް އިވްޖީނާ ބޮޔަންކޯވާގެ އިތުރުން މޯލްޑިވްސް ގެޓްއަވޭޒްގެ ސީއޯއޯ ޑރ. ސަނީ އުމަރެވެ.
މިއަދު ހަވީރުގެ ނިޔަލަށް ކުރިޔަށްދާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ މީގެ 40 އަހަރު ކުރިން ރާއްޖެ އިން އުފެއްދި ފަތުރުވެރިކަމުގެ މޮޑެލް، ދުނިޔޭގެ އެހެން ގައުމުތަކުގައި ބަލައިގަނެ، ރެޕްލިކޭޓު ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަން، ދުނިޔޭގެ ކުރިއަރަމުންދާ ޖަޒީރާ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިން ބައިނަލްއަގުވާމީ ފަތުރުވެރިކަމާ ބެހޭ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް އިސްނަގަން ޖެހިއްޖެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މަޓާޓޯގެ މި ބައްދަލުވުމުގައި ހޮޓެލް ދާއިރާ އާއި، ދަރުރުފަތުރުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމާ ބެހޭ ކުންފުނިތަކާއި އަދި ދާއިރާއާ ގުޅުން ހުރި އެހެން ފަރާތްތަކުން ވެސް ދަނީ ބައިވެރިވަމުންނެވެ.