ައަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަގުވާމީ ޝެޑިއުލް ދަތުރުތައް ފަށަން މަސައްކަތް ކުރަމުންދާތީ، އެތަނަށް ބޭނުންވާ އިމިގްރޭޝަން ސިސްޓަމްތައް ގާއިމުކުރުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިގެން ކުރިޔަށް އެބަ ގެންދެއެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް މިއަދު "ސަން" އަށް ވިދާޅުވީ، ގަމުގައި ސިސްޓަމްތައް އިންސްޓޯލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ދިރާގާ ގުޅިގެން، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ނެޓްވޯކް އަދި ކަނެކްޝަން ކޭބަލްތައް އަޅަމުން ދާ ކަމަށާއި، ސެކިއުރިޓީ ކެމެރާތައް އިންސްޓޯލް ކުރަމުން ގެންދާ ކަމަށް ޚަލީލް ވިދާޅުވިއެވެ.

މީގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ އަދި ސީއައިޕީ ލައުންޖުގައި ކްލިއަރެންސް ސިސްޓަމްތައް ގާއިމުކުރަމުން ގެންދާ ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އިމިގްރޭޝަން ސިސްޓަމްތައް ގާއިމުކުރުން -- ފޮޓޯ/ މޯލްޑިވްސް އިމިގްރޭޝަން

"އިންސްޓޯލް ކުރުމާއި ޓެސްޓިންގްގެ ހުރިހާ ކަމެއް، މި ހަފްތާ ނިމެންވާ އިރަށް ފުރިހަމަ ކުރެވޭނެ،" ޚަލީލް ވިދާޅުވިއެވެ.

ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން ސްރީލަންކަން އެއާލައިންސްއިން އައްޑޫ ސިޓީގެ ގަމާއި ސްރީލަންކާގެ ކޮލޮމްބޯއާ ދެމެދު ތާވަލު ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުން ދިޔަ އިރު، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އިމިގްރޭޝަންގެ ބައެއް ޚިދުމަތްތައް ގާއިމުވެފައި ނެތުމުން ސްރީލަންކަންއަށް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެންގިއެވެ.

އެހެން ނަމަވެސް އިމިގްރޭޝަނުން ވަނީ، ސްރީލަންކަންއަށް ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން ގަމަށް ދަތުރުކުރެވޭނެ ގޮތް ހެދުމަށްޓަކައި، ޝެޑިއުލް ދަތުރުތަކަށް ޚިދުމަތް ދިނުމަށް ގާއިމުކުރަންޖެހޭ ސިސްޓަމްތައް މިދިޔަ ހަފްތާގައި އެ މަސައްކަތް ފަށާފައެވެ.

ސްރީލަންކަން އެއާލައިންސްއިން ކޮލޮމްބޯއާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު، ހަފްތާއަކު ފްލައިޓުތައް ދަތުރުކުރާނެ އެވެ.

ގަން އިންޓަނޭޝާނަލް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތްތައް ނިންމައި، އެ އެއާޕޯޓު ރަސްމީކޮށް އިފްތިތާހުކުރުން އޮންނާނީ ބައިނަލްއަގުވާމީ ތާވަލު ދަތުރުތައް ފެށުމާ ވެސް އެކުގައި ކަމަށް ގަން އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ)އިން ބުނެއެވެ.

ގަން އެއާޕޯޓުގައި ކޮށްފައިވާ ތަރައްގީގެ މަސައްކަތްތަކުގެ ތެރޭގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ ދިގުމިނަށް، ގަމުގެ ބިން ހިއްކައިގެން އެއާޕޯޓު ދިގުކޮށް، ފުޅާކުރުމާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ސީޕްލޭން ބޭސްއެއް ގާއިމުކުރުމުގެ އިތުރުން ގަމުގެ ފިއުލް ފާމްގެ ކެޕޭސިޓީ އިތުރުކުރުމާއި އެއާ ޓްރެފިކް އަދި ގްރައުންޑް ހެންޑްލިންގް އިކުއިޕްމެންޓް އަޕްގްރޭޑުކުރުން ހިމެނެއެވެ.