19 Nov 2016, 13:48
ކުރިއަށް އޮތް 24 ގަޑި އިރު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
ރޭ ފަތިހުން ފެށިގެން ވެރިރަށް މާލެއަށް ވެސް ވަނީ ބޯކޮށް ވާރޭވެހިފަ އެވެ. އަދިވެސް އުޑުމަތި އޮތީ ބަނަކޮށެވެ.
މެޓް އޮފީހުން ބުނީ ކަނޑު ގަދަވާނީ ދެކުނުގެ އަތޮޅުތަކަށް ކަމަށާއި ނަމަވެސް އުތުރުގެ އަތޮޅުތަކަށް ވެސް ގުގުރުމާ އެކު ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. ވައިޓް އެލާޓްގެ މާނައަކީ ކަނޑު ދަތުރުކުރާ އިރު ބަލައިގެން ދަތުރުކުރަން އިލްތިމާސް ކުރުމަށް ނެރޭ އެލާޓެކެވެ.
މިދުވަސް ވަރަކީ ސުކޫލުތައް ބަންދުވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކުރަމުން ދާ ދުވަސްވަރެކެވެ. މެޓް އޮފީހުން ބުނީ ކަނޑު ގަދަ އިރު އެހާ ގިނަ އަދަދެއްގެ ބަޔަކު އަރުވައިގެން ދަތުރުކުރުން ރައްކާތެރި ނޫން ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކުރާ މޫސުން
- ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ
- ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށްވާރޭވެހުން އެކަށީގެންވޭ
- ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި
- އެހެން ހިސާބުތަކުގައި އިރުއުތުރާއި އިރުންް ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި
- ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވޭ
- ރާއްޖޭގެ ކަނޑުތައް ދެކުނުގެ އަތޮޅުތަކުގައި އާދައިގެ ވަރަކަށް ގަދަވާނެ
- އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެެ