19 Nov 2016, 13:19
ޓްރޮންދައިމް (ނޮވެމްބަރު 19): އިސްރާއީލުން ފަލަސްތީނުގައި ހިފާފައިވާ ސަރަހައްދުތަކުން އުފައްދާ ތަކެއްޗާއި ފޯރުކޮށްދޭ ހިދުމަތްތައް ބޮއިކޮޓް ކުރަން ނޯވޭގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށް ޓްރޮންދައިމް އިން ނިންމައިފި އެވެ.
ޓްރޮންދައިމްގެ ސިޓީ ކައުންސިލުން ފާސްކުރި ރިޒޮލިއުޝަންގައި ފަލަސްތީނުގައި "ގާނޫނާ ހިލާފަށް އިސްރާއީލުގެ މީހުން އާބާދު ކުރަމުން ދިޔުން އިތުރުވުމާއި ފަލަސްތީނުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކު ދަނީ ފުރައްސާރަ އާއި އެތައް ދަތިތަކާ ކުރިމަތިލާން ޖެހޭ"ކަން ފާހަގަކޮށްފައިވެ އެވެ.
ްއެހެންކަމުން ޓްރޮންދައިމްގެ ސިޓީ ކައުންސިލުން ވަނީ އެސިޓީގެ ހުރިހާ ރައްޔިތުން ވެސް އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކުން އުފައްދާ ތަކެއްޗާއި ފޯރުކޮށްދޭ ހިދުމަތްތައް ބޮއިކޮޓް ކުރަން އެދިފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ދެހާސް ސާދަ ވަނަ އަހަރު ނޯވޭގެ ލޭބާ ޕާޓީން ވަނީ އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުން އުފައްދާ ތަކެތި މުޅި ގައުމުން ބޮއިކޮޓް ކުރުމަށް ޕްރޮޕޯޒަލްއެއް ހުށަހަޅައިފަ އެވެ. ނަމަވެސް އެޕްރޮޕޯޒަލްއަށް އެކަށީގެންވާ ވަރަށް ތާއިދު ނުލިބުނެވެ. (މިޑްލްއީސްޓްމޮނިޓާ)