19 Nov 2016, 12:50
ޑޮލަރުގެ އެކްސްޗޭންޖު ރޭޓަށް ބަދަލެއް ނުގެންނާނެ ކަމަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މިހާރު 15.42 ރުފިޔާ އަށް ވިއްކާ ޑޮލަރުގެ އަގު އަންނަ އަހަރުން ފެށިގެން 18 ރުފިޔާ އަށް ވުރެ މައްޗަށް ދާނެ ކަމަށް ބަޖެޓު ބަހުސްގައި މަޖިލިސް ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް މިއަދު ސަން އަށް ވިދާޅުވީ އެކްސްޗޭޖު ރޭޓަށް ބަދަލެއް ނުގެންނާނެ ކަމަށާއި މާކެޓު ހަމަޖެއްސޭ ވަރަށް ޑޮލަރު އެބަހުރި ކަމަށެވެ.
"އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރަން ހުރިހާ މަސައްކަތެއް ކުރާނަން،" ގަވަރުނަރު ވިދާޅުވި އެވެ.
ސްކޫލު ބަންދާ އެކު ރާއްޖެ އިން ބޭރަށް ފުރާ މީހުންގެ އަދަދު ގިނަވެ ޑޮލަރުގެ ޑިމާންޑް ބޮޑުވުމުން އެމްއެމްއޭ އިން ޑޮލަރުވިއްކުމަށްމިހާރު ވަނީ ނިންމައިފަ އެވެ.
ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް 500 ޑޮލަރުގެ ރޭޓުން ޑޮލަރު ވިއްކުމަށް، އެމްއެމްއޭ އިން މީގެ ކުރީން ކޮންމެ ހަފްތާ އަކު 1.2 މިލިއަން ޑޮލަރު ބޭންކުތަކަށް ވިއްކި އެވެ. ދެން އެޑޮލަރު ވިއްކާނީ އެމްއެމްއޭ އިން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ބޭރަށް ފުރާމީ ހުންނަށް ވިއްކުމަށްދޭ ޑޮލަރާ އެކު ބޭނުންތަކަށް އެމްއެމްއޭ އިން ދަނީ ހަފްތާ އަކު 4.3 މިލިއަން ޑޮލަރު ވިއްކަމުންނެވެ.