ޑީއާރްޕީން އައިލެން އޭވިއޭޝަނަށް ފަސްލައްކަ ރުފިޔާއަށް ވުރެ ގިނަ ފައިސާ ދައްކަންޖެހޭ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އެ ޕާޓީން ހައިކޯޓުގައި އިސްތިނާފްކޮށްފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ސިވިލް ކޯޓްގެ އިސް ގާޒީ އަލީ ސަމީރު އިއްވެވި ހުކުމް އިސްތިއުނާފަށް ހުށަހަޅަފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މި މައްސަލަ އިސްތިއުނާފްކޮށްފައި މިވަނީ، ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ޑީއާރްޕީން ފައިސާ ދައްކާފައި ނުވާތީ އައިލެންޑް އޭވިއޭޝަނުން އެޕާޓީއާ ދެކޮޅަށް ކޯޓަށް ވައްދާފައިވާ ސާބިތު ދަރަނީގެ މައްސަލަ ކުރިއަށް ދަނިކޮށެވެ. މިއަދު އެ މައްސަލައިގެ އަޑުއެހުމެއް އޮތް ނަމަވެސް، ޑީއާރްޕީގެ ފަރާތުން އެއްވެސް މީީހަކު ޝަރީއަތަށް ހާޒިރުނުވުމުން އެ މައްސަލަ ވަނީ ކެންސަލްކޮށްފަ އެވެ.

ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓާ އަލީ ސޯލިހު ވިދާޅުވީ، އެ ޕާޓީން އަޑުއެހުމަށް ހާޒިރުނުވީ އެ މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވާތީ ކަމަށެވެ. އަދި އެޕާޓީއަށް ލިބިފައިވާ ގާނޫނީ ލަފާގައިވާ ގޮތުން ހައިކޯޓުން އެ މައްސަލަ ބަލަން ފަށައިފިނަމަ، ދަށުން ކޯޓުގައި ހިނގާ މައްސަލަ މަޑުޖައްސާލުމަށް ހައިކޯޓުން އަންގާނެ ކަމަށް ފެންނާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅި ކަމުގެ ލިޔުން މިއަދު ސިވިލް ކޯޓުގެ ރިސެޕްޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ 2008ގެ ދުވަސްވަރު ޑީއާރްޕީން އައިލެންޑް އޭވިއޭޝަނުން ދަރަންޏަށް ހޯދި ހިދުމަތަށް 510479.28ރ. ދައްކަން ޖެހޭ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ސިވިލް ކޯޓްގެ އިސް ގާޒީ އަލީ ސަމީރު އިއްވެވި ހުކުމްގައިވެ އެވެ. ޑީއާރްޕީގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓްގެ އިސް ގާޒީ އަލީ ސަމީރު ކުރެއްވެވި ހުކުމުގައި ބުނަނީ ޑީއާރްޕީން އައިލެންޑް އޭވިއޭޝަނަށް ދައްކަންޖެހޭ މި ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކާ ނިންމަން ޖެހޭނެ ކަމަށެވެ.