ޖެނުއަރީ މަހު ފެށުމަށް ތައްޔާރުވަމުންދާ ލޯކަލް ކައުންސިލް އިންތިހާބު އިންސާފުވެރި ވާނެ ކަމަށް "ކުޑަކޮށް ވެސް ގަބޫލެއް ނުކުރަން" ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަން (އެމްޔޫއޯ) އިން ބުނެފި އެވެ.

އެމްޔޫއޯއިން އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ކުޑަކޮށް ވެސް އިންސާފިވެރި ވާނެ އިންތިހާބެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. މިއަދާ ހަމައަށް ވެފަ ހުރި ކަންކަމަށް ބަލާއިރު ވެސް އިންތިހާބާ މެދު ސުވާލު އުފައްދާނެ އެތައް ކަމެއް ފެންނަން އެބަހުރި ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

ނަމަވެސް ވޯޓު ފޮށިން ނަތީޖާ ހޯދުމުގެ އުސޫލަކީ އެމްޔޫއޯ އިން ގަބޫލުކުރާ އުސޫލު ކަމަށާއި އެހެންކަމުން ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތަށް އަމަލު ކުރަމުން ދާނެ ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާ ޕާސަން އަލީ ނިޔާޒު ވިދާޅުވީ އެމްއޯޔޫގެ ކައުންސިލް އިންތިހާބު ރަސްމީކޮށް ލޯންޗުކުރުމަށް ކާނިވާ ސަރަހައްދު ހޯދުމަށް ހައުސިންގް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އަދި ވެސް ޖަވާބެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.

އެހެންވެ ހުކުރު ދުވަހުގޭ ރޭ އައްޑޫ ސިޓީގައި ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ ކެމްޕޭން ލޯންޗުކުރަން ތަން ނުލިބިގެން އުޅެނީ ޕީޕީއެމްއަށް ތައްޔާރު ނުވެވޭތީ، އެބޭފުޅުންގެ ކެމްޕޭން ލޯންޗު ނުކުރެވޭތީ. އޭގެ ފަހުގެ ތާރީހެއް ފަހަރެއްގައި ލިބިދާނެ،" އަލީ ނިޔާޒު ވިދާޅުވި އެވެ.

އެމްޔޫއޯ އިން ބޭނުން ވަނީ ލާމަރުކަޒީ ނިޒާމު ބާރުވެރި ކުރުވަން ކަމަށާއި އެހެންކަމުން ކެމްޕޭނުގައި ވެސް ބޮޑަށް އެކަންކަމަށް ބަލާލާފައިވާނެ ކަން އެމްޔޫއޯ އިން ފާހަގަ ކުރެ އެވެ.

އެމްޔޫއޯގެ ދަށުން އެމްޑީޕީ އަދި އަދާލަތު ޕާޓީން ކައުންސިލް އިންތިހާބަށް މެމްބަރުން ވާދަކުރާނެ ކަމަށް އެމްޔޫއޯ އިން ބުންޏެވެ.